އިޤްތިޞާދީ ކޮމިޓީގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 09:37 އިން ފެށިގެން 10:54 އަށެވެ. މި ބައްދަލުވުމަށް 8 މެންބަރުން ހާޒިރުވެވަޑައިގެންފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލް ދިރާސާކުރައްވައި، އެ ބިލުގެ މަސައްކަތް ނިންމަވާލެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ނިންމަވާފައިވެއެވެ. އަދި އެއަށްފަހު ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓުއަރިޒަމާ ބެހޭ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ފަހަށް ހުށަހަޅާފައިވާ އިސްލާޙުތައް ބައްލަވައި، އެކަމާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ އިޤްތިޞާދީ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެފައިވާ މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރުއެވެ.