ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާގައި، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ “ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ބިލު” ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ބިލަށް މަޖިލީހުގެ ތަޅުމުގައި ހުށަހަޅުއްވާފައިވާ އިޞްލާޙުތައް ވޯޓަށް އައްސަވައި، ފާސްކުރެވުނު އިސްލާޙްތަކާއެކު ކޮމިޓީން ނިންމެވި ބިލު މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކުރައްވައިފިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 20075/ (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސް ވެސް މިއަދު ކުރިއަށްގެންދަވާފައިވެއެވެ. މިއަދުގެ މަޖިލިސް ޖަލްސާ ނިންމަވާލެއްވިއިރު 3 މެންބަރުން ވަނީ މި ބިލަށް ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މަޖިލީހުގެ ގަވައިދަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު ޢާންމު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓުގެ ބަހުސްވެސް މިއަދުގެ ޖަލްސާގައި ކުރިއަށްގެންދަވާފައިވެއެވެ.
މަޖިލީހުގެ ޤާނޫނީ އަދަދު ހަމަނުވުމާއި ގުޅިގެން މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުގެ ޖަލްސާ ވަނީ ރިޔާސަތުން ނިންމަވާލައްވާފައެވެ.