ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމް ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ކަނޑައަޅުއްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ރައްޔިތުންގެ މަޖިލީހުގައި ތަމްޞީލްކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބި، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ ނުވަތަ ޕާޓީތައް ފިޔަވައި ދެން ހުރި އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީ އަށް ވުމާގުޅިގެން ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ ގައި ރިޔާސަތުން މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަދު ޖަލްސާގައި، މިއަދާ ޖެހެންދެން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ކަމުގައި ހުންނެވި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ މަޖިލީހުގެ ރިޔާސަތަށް ދެއްވެވި އެއްބާރުލެއްވުމަށްޓަކައި މަޖިލީހުގެ ރައީސް ޝުކުރުއަދާކުރައްވައި މިހާރު މައިނޯރިޓީ ލީޑަރުގެ ގޮތުގައި ހަމަޖެހިގެންދިޔަ މުލަކު ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުންވެސް އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީން ކުރައްވާކަމުގައި ރިޔާސަތުން ވިދާޅުވިއެވެ.

02 ޖުމާދަލްއާޚިރު 1433

23 އޭޕްރިލް 2012