ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 145 ވަނަ މާއްދާއާއި 149 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ ގައި ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިމައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 39 މެންބަރުންނެވެ. 2 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވާފައިވާއިރު 2 މެންބަރަކު ވަކި ފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ. މި ކުއްލި މައްސަލައަކީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ވެރިކަން ބަދަލުވި ގޮތާއި އަދި މިހާރު މިއޮތް ވެރިކަމުގެ ސައްޙަ ކަމާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާފައިވާތީ، މިކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ ހަމަނުޖެހުމަށް ޙައްލު ހޯދައިދިނުމުގައި ކޮމަންވެލްތުން މަސައްކަތްކުރަމުންގެންދާއިރު، އަދި ކޮމަންވެލްތުން އެކިސިފައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ފާޅުކުރަމުންދާއިރު، ވެރިކަން ބަދަލުވިގޮތުގެ މިނިވަން މުސްތަޤިއްލު ތަޙުޤީޤެއް ކުރުމަށާއި އަދި އަވަސް އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ގޮވާލުންފަދަ ބައެއް މުހިންމު ކަންކަމަށް އެދި ކޮމަންވެލްތުން ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ފަރާތްތަކަށް ތަކުރާރުކޮށް ގޮވާލާފައިވީނަމަވެސް އެކަމަށް ބީރުކަންފަތެއް ދީ، ކޮމަންވެލްތުން ގޮވާލި ގޮވާލުމަށް 4 ހަފްތާގެ ތެރޭގައި ޢަމަލުނުކޮށްފިނަމަ ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ދިވެހިރާއްޖެއާމެދު ހަރުކަށި ފިޔަވަޅު އަޅާނޭކަމުގެ އިންޒާރުދީ، އެންމެފަހުން 16 އޭޕްރީލް 2012 ވަނަ ދުވަހު ސީމެގުން ނިންމުމެއް ނިންމާފައިވާތީ، އެގޮތުން ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށް އެތައް ގޮތަކުން ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންލިބި، ރާއްޖޭގެ ކުރިމަގު ހަލާކުވެ، އަދި މުޅި ރާއްޖޭގެ ނަން މުޅި ދުނިޔެއަށް ކިލަނބުވެ، ރާއްޖޭގެ އަގު ވެއްޓިގެންދާނޭކަމަކަށްވެސް ވާތީ، މިކަމަކީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ފަރާތުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާ ވިސްނާނުލައި، ގޮތް ދޫނުކޮށް، ހަރުކަށިވުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނިކަމެތިކަމަކަށްވާތީ، މިކަމުގެ ކަންބޮޑުވުން ފާޅުކުރުމަށްކަމަށް ވިދާޅުވެ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.
މިމައްސަލައަށް އެއްގަޑިއިރުގެ ބަހުސްގެ ވަގުތު ހަމަވުމުން، ވާހަކަ ދައްކަން ބޭނުންވެލައްވާ ހުރިހާ މެންބަރުން ވާހަކަ ދައްކަވައި ނިމެންދެން މިމައްސަލަ ކުރިއަށް ގެންދެވުމަށް އެދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަލްފާޟިލް އިބްރާހީމް މުއްޠަލިބް ހުށަހެޅުއްވިއެވެ. މި ހުށަހެޅުން ފާސްކުރައްވާފައިވަނީ 40 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. 1 މެންބަރަކު ފެނިވަޑައިނުގަންވަނާކަމަށް ވޯޓް ދެއްވާފައިވާއިރު، 2 މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.
02 ޖުމާދަލްއާޚިރު 1433
23 އޭޕްރިލް 2012