17 އޭޕްރީލް 2012 ވީ އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ 27 މެންބަރަކު ސޮއި ކުރައްވައި އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ފޮނުއްވާފައިވާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މިއަދު މަޖިލީހުގެ އަމީން ޢާންމު އަޅުގަނޑަށް ފޮނުއްވައިފިއެވެ. އެމައްސަލައިގާ އަޅުގަނޑާމެދު އެމެންބަރުން ކުރައްވާފައިވާ ތުޙުމަތަކީ ޙަޤީޤަތާ ޙިލާފު ތުހުމަތެކެވެ.
އަޅުގަނޑު މަޖިލީހުގެ ރައީސްކަމަށް މަޖިލީހުގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތުން އިންތިޚާބު ކުރެއްވި ދުވަހުން ފެށިގެން މިހާތަނާ ޖެހެން ދެންވެސް، މަސައްކަތް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށެވެ. އަދި ކުރިއަށް އޮތް ތާނގާވެސް އަޅުގަނޑު ދެމި ހުންނާނީ ހަމަ އެގޮތުގައެވެ.
މިހާރު ހުށަހެޅިފައިވާ، މައްސަލައާ ގުޅިގެން އަޅުގަނޑުގެ ދިފާޢުގައި ދައްކަން ހުރި ވާހަކަތައް އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާ އަށް ހުށަހެޅުމަށް އަޅުގަނޑު ތައްޔާރުވެ ހުރީމެވެ.
މިއަދުގެ ޤާނޫނުއަސާސީ ގައި ބުނެފައިވާ ގޮތުގެ މަތީން، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އިންތިޚާބުކުރާ މެންބަރެކެވެ. އަދި މަޖިލީހުގެ ރައީސްގެ މަޤާމް ގައި ހުންނަވާ މެންބަރަކީ މަޖިލީހުގެ އަޣްލަބިއްޔަތުގެ ތާއީދު އޮތް މެންބަރެކެވެ.
27 ޖުމާދަލްއޫލާ 1433
19 އޭޕްރީލް 2012