ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ ހުރިހާ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 25 ވަނަ ޖަލްސާގައި،     ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް މެންބަރުން ހުށަހަޅުއްވާފައިވާ 194 އިސްލާހު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި، މިބިލުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ، 11 މެންބަރުންގެ ވަގުތީ ކޮމެޓީގެ މުޤައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒްއެވެ. އެއަށްފަހު، މިބިލަށް އިސްލާޙު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 83 ވަނަ މާއްދާގެ (ހ) ގެދަށުން 147 އިޞްލާހަކާއި 83 ވަނަ މާއްދާގެ (ށ)ގެ ދަށުން 20 އިޞްލާހުގެ އިތުރުން 83 ވަނަ މާއްދާގެ (ނ) ގެދަށުން 27 އިސްލާހެެއް ހުށަހެޅި ތާޢީދުލިބިފައިވެއެވެ.

މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މައްދާގެ (ށ) ގައިވާ ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެގަވާއިދުގެ 144 ވަނަ މާއްދާގެ ދަށުން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީ ބަހުސް ނިންމުމަށްފަހު، މިޤަރާރު މަޖިލީހުން ބަލައިގަތުމަށް ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، 62 މެންބަރުންގެ ވޯޓުން ޤަރާރު މަޖިލީހަށް ބަލައިގަނެ އާންމު ކޮމެޓީއަށްވަނީ ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަންބަރު 2010/6 (މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ޤާއިމުކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި ބުނާ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކީ ކޮބައިކަން ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން މަޖިލީހަށް ހުށަހެޅުމުން ދެ ކޮމެޓީއެއް މަޖިލީހަށް ހުށަހެޅި ތާއިދު ލިބުނު ނަމަވެސް ވޯޓުން ފާސްވެފައިވަނީ މާލިއްޔަތު ކޮމެޓީ އެއީ އެކޮމެޓީކަމުގައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައިވަނީ ޕާލިމެންޓްރީ ސަރވިސް މުވައްޒަފުންގެ ގަވާއިދަށް އިޞްލާޙުގެނައުމަށް ޢާންމު ކޮމިޓީން ހުށަހަޅުއްވާ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް ވޯޓަށްއެއްސެވުމުން 73 މެންބަރުން ޢިއްތިފާގުން ފާސްކުރައްވާފައެވެ. މިރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވަމުން ކޮމެޓީގެ މުޤައްރިރު ތުޅާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ނާޒިމް ރަޝާދު ވިދާޅުވީ ޕާލިމެންޓްރީ ސަރވިސް މުވައްޒަފުންގެ ގަވާއިދަށް ގެނެވުނު މިއިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުއައްޒަފުން މުސްކުޅިކުރުމުގެ އުސޫލުތައް ޕާރލަމެންޓަރީ ސާރވިސް މުއައްޒަފުންގެ ގަވާއިދުގައި ހިމެނިފައި ނެތުމުން އެބައި ހިމެނުމަށް ހުށަހެޅިފައިވާ އިޞްލާޙެއްކަމަށެވެ.

މިއަދުގެ ސުވާލުގެ ވަގުތުގައި 26 ޑިސެމްބަރ 2004 ސުނާމީ ކާރިޘާގައި ބޯހިޔާވަހިކަން ގެއްލިފައިވާ ތ. މަޑިފުށީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އެރަށުގައި 78 ގެ އެޅުމަށްޓަކައި އައި.ޑީ.ބީ ގެ ލޯނު އެހީ ލިބި، އެމަސައްކަތް ބަޔަކާ ހަވާލުކުރެވި، މަސައްކަތް ފެށިފައިނުވާތީ ، 78 ގޭގެ ޢަމަލީ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯ އޮޅުންފިލުވައިދެއްވުމުގެ ގޮތުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުހަންމަދު އަސްލަމާ ކުރައްވާ ސުވާލުކުރެއްވުންއޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި 16 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކަނޑިތީމު ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ޙުސައިންއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 28 އޭޕްރީލް 2010 ވާ ބުދަދުވަހު ހެނދުނު 9 ޖަހާއިރުއެވެ.