ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ޗައިނާގެ ސިޔާސީ ޕާރޓީތަކުގެ މަޝްވަރާއާބެހޭ މުއައްސަސާކަމުގައިވާ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ހިޒް އެކްސެލެންސީ މރ. ސުން ޖައިޒެންގ
(H.E.Mr.Sun Jiazhen) އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދުގެ ބޭފުޅުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ފުރާވަޑައިގެންފިއެވެ.
ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ރާއްޖެއަށް މިކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން މރ. ސުން ޖައިޒެންގއަށް އަލްވަދާޢު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް އަލްފާޟިލް މުޙަންމަދު ރަޝީދުއެވެ.