މާފުށި ޖަލުގައި ސިފައިން ބަޑިޖަހައި ހިންގި ޙާދިސާއާބެހޭގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީބަޙުސް ކުރިއަށްގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި މާފުށި ޖަލުގައި ސިފައިން ބަޑިޖަހައި ހިންގި ޙާދިސާއާބެހޭގޮތުން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަޙުސް ކުރިއަށްގެންދަވައިފިއެވެ. މިޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 2 އޭޕްރީލް 2012 ގައި ބޭއްވުނު، 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.

މިޤަރާރަކީ 19 ސެޕްޓެމްބަރ 2003 ގައި، މާފުށި ޖަލުގައި ޙުކުމް ތަންފީޒުކުރަމުން ގެންދިއަ މ. އޭޝިއާ އުމުރުން 19 އަހަރުގެ އިވާން ނަސީމު ގައިގާ ސަލާމަތީ ބާރުތަކުގެ ތެރެއިން ބަޔަކު ތަޅައި އަނިޔާކޮށް ވަރަށް އިހާނެތިގޮތަކަށް އޭނާ މަރާލުމުން، އެކަމާ އޭރު ޖަލުގެ ގޮޅިތަކުގައި ތިބި ޤައިދީން އިޙްތިޖާޖުކުރުމުން ސިފައިންގެތެރިން ބަޔަކު ޖަލުގައި ތިބި ޤައިދީންނާ ދިމާއަށް އަމާޒުކޮށް ބަޑިޖަހައި، އޭގެތެރެއިން ބައެއް ޤައިދީން ގަސްތުގައި ވަގުތުން މަރާލައި، އަނެއްބައި ޤައިދީންގެ ގަޔަށް ވަޒަން އަރާގޮތަށް ޖެހި ބަޑީގެ ސަބަބުން ފުރާނަގެއްލޭވަރުގެ ޒަހަމްތަކެއް ކޮށްފައިވާތީ މިމައްސަލަ މިހިނދުން މިހިނދަށް ތަޙްޤީޤުކުރުމަށާއި، އަދި މިކަމުގައި ޢިޙްމާލުނުވުމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގޮވާލާ ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި   މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

 

24 ޖުމާދަލްއޫލާ 1433

16 އޭޕްރިލް 2012