މަޖިލީހުގެ ޤާނޫނީ ޢަދަދުގެ މައްސަލަ އާންމު ކޮމިޓީއަށް ފޮނުއްވުމަށް ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ތަކުރާރުކޮށް ގެއްލޭތީ، މި މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.

މިއަދުގެ ޖަލްސާ ބައްދަލުވުން ކުރިއަށްދިޔަ އިރު 9 ފަހަރު ޤާނޫނީ ޢަދަދު ހަމަނުވެގެން ޖަލްސާ މެދުކަނޑާލަން ޖެހިފައިވެއެވެ. މި މައްސަލަ މިއީ މި ހަފްތާ ތެރޭގައި ތަކުރާރުވެފައިވާ މައްސަލައެއް ކަން ފާހަގަކުރައްވާ، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ތަކާއި އެއްގޮތަށް މި މައްސަލަ ހައްލުކުރާނޭ ގޮތަކާއި މެދު ދިރާސާކުރެއްވުމަށް އާންމު ކޮމިޓީއަށް ފޮނުއްވުމަށް ރިޔާސަތުން ނިންމެވިއެވެ.

އެއަށްފަހު ޤާނޫނީ އަދަދު ހަމަނުވިމާއި ގުޅިގެން ޖަލްސާގެ މެންދުރު ފަހުގެ ދަންފަޅި ކުރިއަށްގެންދިއުމަށް ހުރަސްއެޅިފައިވާތީ، މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން މިއަދުގެ ޖަލްސާވަނީ ނިންމަވާލައްވާފައެވެ. ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް 2012 ވާ ހޯމަ ދުވަހުއެވެ.

 

19 ޖުމާދަލްއޫލާ 1433

11 އޭޕްރިލް 2012