މާލިޔަތު ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 10 އޭޕްރިލް 2012 ވީ އަންގާރަ ދުވަހުގެ ހެނދުނު 09:30 ން 10:30 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 10 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްޗައް ބައްލަވާލައްވާ މަޝްވަރާ ކުރެއްވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. އެއަށްފަހު އެހެނިހެން މަސައްކަތްތަކުގެ ތެރޭ ހިމެނޭ މައްސަލައެއް ކަމަށްވާ އާސަންދަ ނިޒާމަކީ، ޤާނޫނު ނަންބަރު 15/2011 (އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ “އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސް ސްކީމް” ގެ ގޮތުގައި އެކަށައަޅާފައިވާ ނިޒާމްތޯ ނުވަތަ އެކަށައަޅާފައިނުވާނަމަ “އާސަންދަ” ކަނޑައަޅަނީ ކޮންގޮތަކަށްތޯއާއި އަދި “އާސަންދަ” ކުރިއަށްދަނީ ކިހިނެއްތޯ ސާފުކުރެއްވުމަށް މިނިސްޓަރީ އޮފް ހެލްތް އެންޑް ފެމިލީއަށް އެ ކޮމިޓީން ފޮނުއްވާފައިވާ ސިޓީގެ  ޖަވާބާއި މެދު މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.