އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިމްތިޔާޒް ކޮމިޓީގެ މިއަހަރުގެ 4 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 09 އޭޕްރިލް 2012 ވީ ހޯމަ ދުވަހުގެ މެންދުރުފަހު 14:08 ން 14:48 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 9 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން 11 ފެބްރުއަރީ 2012 ވަނަ ދުވަހު ހައްޔަރުކުރައްވާފައިވާތީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާއި  7 ފެބްރުއަރީ 2012 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބައެއް ޢިއްޒަތްތެރި މެންބަރުންނަށް ސިފައިން އަނިޔާކުރެއްވުމުގެ ޝަކުވާ އައި.ޕީ.ޔޫ. އަށް ބައެއް ފަރާތްތަކުން ހުށަހެޅުއްވުމުން، މިފަދަ ޝަކުވާތަކުގެ މައްޗަށް ބިނާކޮށް އައި.ޕީ.ޔޫ އިން ތައްޔާރުކުރައްވައި ހުށަހަޅުއްވާފައިވާ ކަރުދާހުގެ މައްޗަށް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، އުގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ އެވެ.