ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާ މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސް ވަނަ ޖަލްސާ މިއަދު ބާއްވަވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ރިއާސަތުން ދެއްކެވި ވާހަކަފުޅުގައި އިންތަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ އަންހެން ޕާލަމެންޓް މެންބަރުންގެ ކޮމިޓީ ގެ އެކްޒެކެޓިވް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެއްގެ ގޮތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ޔޫގެންޑާގެ ކެމްޕާލާގައި ބޭއްވުނު އައި. ޕީ. ޔޫ ގެ 126 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވި މެންބަރު ޤައުމުތަކުގެ އިއްތިފާގުން ހޮވިވަޑައިގެންކަން އިޢްލާން ކުރައްވައި އެކަމަނާއަށް މައުޙަބާ ވިދާޅުވިއެވެ. އައި. ޕީ. ޔޫ ގެ އަންހެން ޕާލަމެންޓް މެންބަރުންގެ ކޮމިޓީގެ މިފަދަ މަޤާމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވިވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ހުށަހެޅުއްވި “އާބިޓްރޭޝަނުގެ ބިލު” ގެ ބަޙުސް މަރުޙަލާ ކުރިއަށް ގެންދެވިއެވެ.

10:30 ގައި ހުސް ވަގުތު ކޮޅަށް މެދު ކަނޑުއްވާލެއްވުމަށްފަހު 11:00 ގައި މަޖިލީހުގެ ޖަލްސާ ފެށުމަށް ބެލިއިރު ޖަލްސާގެ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން 11:30 އަށް ޖަލްސާ ފެށުން ފަސްކުރެވުނެވެ.

11:30 ގައި ޖަލްސާ ފެށުމަށްފަހު ކުރިއަށް ގެންދެވީ ކޮމިޓިތަކުން ހުށަހަޅާ ރިޕޯޓް ހުށަހެޅުމުގެ މަސައްކަތެވެ. އެ ގޮތަށް ބިލަށް މެންބަރުން ހުށަހަޅުއްވާ އިޞްލާޙްތައް ހުށަހެޅުމުގެ ބައި ކުރިއަށް ގެންދެވުނެވެ. އެއަށްފަހު 1 ގަޑިއިރުގެ ބަޙުސަކަށް ހުޅުވާލައްވައި 12:30 އަށް ހުސްވަގުތު ކޮޅު އެރުވުމާ ހަމައަށް އެ ބިލުގެ ބަޙުސް ކުރިއަށް ދިޔައެވެ.

މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ބައިގާ ކުރިއަށް ގެންދެވީ “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” ގެ އިޞްލާޙްތަކަށް ވޯޓަށް އެއްސެވުމާއި އެ ބިލު ފާސް ކުރުމަށް ފެނޭތޯ ވޯޓަށް އެއްސެވުމެވެ.

މިއަދުގެ ޖަލްސާ ކުރިއަށްދިޔައިރު 4 ފަހަރެއްގެ މަތިން ޖަލްސާގެ ޤާނޫނު އަދަދު ނުލިބި ރަނގަބީލު ޖަހަންޖެހިފައިވެއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެހެއްޓެވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެވެ.