މަސްވެރިންނަށް ސަބްސިޑީ ދިނުމާއި ގުޅޭ ގޮތުން ފމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅުއްވާފައިވާ ހުށަހެޅުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބައްލަވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ދިހަ ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 09:45 ން ފެށިގެން 10:45 ށެވެ. މި ބައްދަލުވުމަށް 11 މެންބަރުން ހާޒިރުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި، 2010 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑަ އަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅާފައިވާ ކަރުދާސް ބައްލަވާ، އެ ކަރުދާހުގައި ވާ ހުށަހެޅުންތަކާއި މެދު މަޝްވަރާތައް ކުރިއަށް ގޮސްފައިވެއެވެ. މަސްވެރިންނަށް ސަބްސިޑީ ދިނުމުގެ ގޮތުން މި ބަޖެޓް ކަނޑައަޅާފައިވާ ތިން ގޮތާއި މެދު ކޮމިޓީގައި ވާހަކަދެކެވި، މާލިއްޔަތު ކޮމިޓީއިން ވަނީ މި މައްސަލަ ބަލާ އިތުރަށް ދިރާސާ ކުރުމުގެ ގޮތުން ކޮންމެ ސިޔާސީ ޕާޓީއަކުން 1 މެންބަރަކު ހިމެނިވަޑައިގަންނަވާ ގޮތަށް ކަނޑައަޅާ ސަބް-ކޮމިޓީއަކަށް މި ކަރުދާސް ފޮނުވުމަށެވެ. އެއަށްފަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މެދު މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެފައިވާ މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު, ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.