މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙް ގެނައުމަށް އެދިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީން ބައްލަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ 2012 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެންދުނު 09:40 އިން ފެށިގެން 10:35 އަށެވެ. މި ބައްދަލުވުމަށް 7 މެންބަރުން ހާޒިރުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލް ދިރާސާކުރުމުގެ މަސައްކަތެވެ. މިގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓުއަރިޒަމް އިންޑަސްޓްރީ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މިބިލަށް ގެނައުމަށް އެދި ހުށަހަޅުއްވާފައިވާ ޚިޔާލުފުޅުތައް ބައްލަވާ، މިބިލަށް އެއިޞްލާޙުތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު ކޮމިޓީން ނިންމެވީ، މިބިލާ ގުޅޭގޮތުން މޯލްޑިވްސް މަނިޓްރީ އޮތޯރިޓީއާ ބައްދަލުކުރެއްވުމަށްފަހު ބިލު ދިރާސާކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށެވެ.

އެއަށްފަހު، ކޮމިޓީ އަށް އައިސްފައިވާ މައްސަލަތަކުގެ ތެރެއިން ދެން ކޮމިޓީގައި ދިރާސާކުރެއްވުމުގެ މަސައްކަތް ފެށްޓެވީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ އަސާސީ 8 މުޢާހަދާ ތަސްދީޤްކުރުމުގެ މައްސަލައެވެ. މިގޮތުން މިމައްސަލައަށް، ޓުއަރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުންނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތުން ފޮނުއްވާފައިވާ ޚިޔާލުފުޅުތައް ބައްލަވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސް، ޔޫތް އެންޑް ސްޕޯޓްރސް އިކޮނޮމިކް މިނިސްޓްރީއަށް އަދި މިނިސްޓްރީ އޮފް ފިނޭންސް އަށް މިމައްސަލަ ބައްލަވަމުން ގެންދަވާތީ، އެބޭފުޅުންގެ ލަފައެއް ހޯދުމަށް އެދި ސިޓީ ފޮނުއްވުމަށް ނިންމެވުމަށްފަހު މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

 

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެފައިވާ މެންބަރުންނަކީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ.