ޔުނިވަރސަލް ހެލްތު އިންޝުއަރެންސް ސްކީމަށް ހިނގާ ޚަރަދުތަކާއި ގުޅޭގޮތުން އިތުރު މަޝްވަރާތައް މާލިއްޔަތު ކޮމިޓީގައި ކުރިއަށްގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަށްވަނަ ބައްދަލުވުން ބާއްވާފައިވަނީ 5 އޭޕްރިލް 2012 ވީ ބުރާސްފަތި ދުވަހު 13:20 ން 15:15 އަށެވެ. މި ބައްދަލުވުމަށް7 މެންބަރުން ހާޒިރުވެފައިވެއެވެ.

މިބައްދަލުވުމުގައި ޔުނިވަރސަލް ހެލްތު އިންޝުއަރެންސް ސްކީމަށް ހިނގާ ޚަރަދުތަކާއި ގުޅޭގޮތުން އާސަންދައާއި އެލައިޑް ހެލްތު އިންޝުއަރެންސް ކުންފުނިން ހޯދާފައިވާ މަޢުލޫމާތާއިމެދު މެންބަރުންވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މިމައްސަލަ ނިންމަވާނެ ގޮތަކާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތައް ހިމަނާ، މިނިންމުން ދެމަސް ދުވަސް ތެރޭގައި މުރާޖަޢާ ކުރާނެކަމަށް ބުނެ ކޮމިޓީއިން މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ރިޕޯޓްގައި ފާހަގަކުރެއްވުމަށް ނިންމަވާފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ 8 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.