މާރޗް 31 އިން އޭޕްރިލް 5 ކަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ކުރިޔަށްދާ 126 ވަނަ އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ އަހަރީ ޖެނެރަލް އެސެމްބްލީގެ މުހިންމު އެއްބައިގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން ހޮވުމުގައި ގަލޮޅު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އީވާ ޢަބްދުﷲ ވާދަ ކުރައްވާ އިއްތިފާގުން ހޮވިވަޑައިންފިއެވެ.
އީވާ އަބްދުﷲ މިމަގާމަށް ހޮވިވަޑައިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައި، އައި.ޕީ.ޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ އިއްތިފާގުން ތާއީދު ކުރެއްވި ކެންޑިޑޭޓް ގޮތުގައި ވާދަ ކުރައްވައިގެންނެވެ.
އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީ އަކީ ބައިނަލް އަޤްވާމީ ޕާރލިމަންޓް ތަކުގެ ޖަމިއްޔާ ( އައި.ޕީ.ޔޫ) ގައި ހިމެނޭ 159 ގައުމުގެ ހުރިހާ އަންހެން ޕާރލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެވެ.
އީވާ އަބްދުﷲ ހިމެނިވަޑައިންނަވާނީ 123 އަހަރުވީ މިޖަމްޢިއްޔާގެ މަގާމަކަށް އިންތިޚާބްވެވަޑައިގެން ފުރަތަމަ ދިވެހި މެމްބަރަށެވެ.
އައި.ޕީ.ޔޫ އަކީ ދުނިޔޭގައި އުފެދުނު ފުރަތަމަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާއެވެ. އެޖަމްޢިއްޔާއަކީ ދުނޔޭގެ ހުރިހައި ޕާރލިމަންޓްތަކުގެމެދުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމުގައި މަޝްވަރާގެ އެއްމެ އިސް ޖަމިއްޔާއެވެ.