ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ އާއި ބައްދަލުކުރައްވައިފި

އައިޕީޔޫގެ 126 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔޫގެންޑާ އަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ހަރ އެކްސެލެންސީ މެއިރާ ކުމާރު އާއި އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި އިންޑިޔާ އާއި ދިވެހިރާއްޖެއާއި ދެމެދު އޮތް އެކުވެރި ކަމުގެ ގުޅުމުގެ މައްޗަށް ބައްލަވައި ލައްވައި އެގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާ ތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއަޓް ހަރުދަނާކުރުމުގެ ގޮތުން އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުން ވެދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަމަށްޓައި މަޖިލީހުގެ ރައީސް ޝުކުރު އަދާ ކުރެއްވިއެވެ.

އިންޑިއާގެ ލޮކްސަބާގެ ސްޕީކަރ ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތްތަނުގައިވެސް އިންޑިއާގެ ޤާނޫނުހަދާމަޖިލީހުގެ ފަންނީ އެހީތެރިކަން ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.