އިޖްތިމާޢީ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ބައްދަލުވުން މިއަދު ހެނދުނު 11:20 ން 11:30 ށް ބާއްވާފައިވާއިރު، މި ބައްދަލުވުމަށް ކޮމިޓީގެ 8 މެންބަރުން ބައިވެރިވަޑައިގެންފައިވެއެވެ.

މިބައްދަލުވުމުގައި، ކޮމިޓީއަށް ލިބިފައިވާ ބިލްތަކުގެ ސަބް ކޮމިޓީތައް ހިންގާނެ ގޮތާއި އަދި ސަބް ކޮމިޓީ އެކުލަވާނުލެވި ހުރި ބިލްތަކަށް ސަބް ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލްގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާނޭ މެންބަރުން ހޮއްވެވުމަށް މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މި ބިލް ދިރާސާ ކުރައްވާ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާނޭ މެންބަރުންގެ ނަން ހުށަހެޅުއްވުމާއި، ހުށަހަޅާފައިވާ ނަންފުޅުތަކަށް ކޮމިޓީގައި އެވަގުތު ވަޑައިގެން ތިއްބެވި މެންބަރުންގެ އިޢުތިރާޟެއް ނެތުމުން މި ހުށަހެޅުމާއި އެއްގޮތަށް ސަބް ކޮމިޓީ ކަނޑައަޅުއްވާފައިވެއެވެ.

މިއަދުގެ އިޖްތިމާޢީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް އެވެ.