ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާ މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާ ފައްޓަވާފައިވަނީ، މަޖިލީހުގެ ނައިބު ރައީސް މުލަކު އަތޮޅު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ރިޔާސަތުގައި އިންނަވައިގެން މިއަދު ހެނދުނު 09:30 ގައެވެ.

މަޖިލިސް ފެއްޓެވުމަށްފަހު އެންމެ ފުރަތަމަ ނަންގަވާފައިވާ މައްސަލައަކީ މަޖިލީހުން ފާސްކުރައްވައި ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި “ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު” ގެ މައްސަލައެވެ. މި މައްސަލައިގެ މައްޗައް ބަހުސް ކުރެއްވުމަށްފަހު، ޖަލްސާގެ ދެވަނަ ދަންފަޅީގައި މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓާ ހަމައަށް އައިސްފައިވާ ކަންކަމުގައި ވޯޓަށް ދިއުމަށް ރަނގަބީލު ޖައްސަވާފައިވެއެވެ. އަދި އެވަގުތު މަޖިލީހުގެ ގަވާއިދާ ހިލާފުވެފައިވާ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަޙީދާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަކުރާރުކޮށް އިލްތިމާސް ކުރައްވާ، މަޖިލީހުގެ ރިޔާސަތުން ވަނީ އެބޭފުޅުންގެ ނަން އިއްވަވާފައެވެ. އަދި އެ ބޭފުޅުން މަޖިލީހުގެ ޖަލްސާކުރާ މާލަމުން ނެރުމަށްފަހު، ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެއަށްފަހު މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ މެންދުރު 14:30 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ، 4 އޭޕްރިލް 2012 ވާ ބުދަ ދުވަހުގައެވެ.