އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ 126 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ތަޤްރީރު ކުރައްވައިފި

އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ 126 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވައިފިއެވެ. މިއަދު 2 އޭޕްރީލް 2012 ވީ ހޯމަދުވަހުގެ ފުރަތަމަ ސެޝަންގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެރައީސް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ ޕާލަމެންޓްތަކެކޭ  އެއްފަދައިން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީވެސް ޤައުމީ މަޝްވަރާ ތަކާއި،  ތަފާތު ޕާޓީ ތަކާއި ތަފާތު ސިޔާސީ ފިކުރުތަކުގެ މެދުގައި މަޝްވަރާތައް ކުރާ އަދި ގުޅިގެން މަސައްކަތްކުރާ މަރުކަޒީ، ޤައުމީ މަޖިލީހެއްކަމުގައި ވާންޖެހޭނެކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ޑިމޮކްރެސީ އާއި ހަމަހަމަކަން ޔަޤީންކޮށްދޭ އެންމެ ވަރުގަދަ ޤައުމީ ތަނބަކީ އެޤައުމެއްގެ ޕާލަމެންޓެވެ. ޕާލަމެންޓެއް ނެތްނަމަ ރައްޔިތުންގެ ރުހުމާއި މިނިވަންކަން ރަމްޒުކޮށްދޭ އެންމެ މަތިވެރި ތަނބު ވެއްޓިގެންދާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އައިޕީޔޫ އާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު އުފެދިފައިވާ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި އައިޕީޔޫ އިން ރައްޔިތުންގެ މަޖިލީހަށް އެކިގޮތްގޮތުން ވެދެއްވަމުން ގެންދަވާ އެހީތަކަށް ޓަކައި އައިޕީޔޫއަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް އަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ދާދި ފަހުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަޖުރިބާކުރި ކަންތައްތަކަށް ޙައްލު ހޯދުމުގައި އައިޕީޔޫގެ ފަރާތުން ލިބިގެންދިޔަ އަވަސް އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުމަށް ޓަކައި އައިޕީޔޫ އަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލް ހިޒްއެކްސެލެންސީ އެންޑަރސް ބީ ޖޯންސަން އަށް ޝުކުރު ދެންނެވިއެވެ.