އައި.ޕީ.ޔޫގެ 126 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސާއި މަޖިލީހުގެ ވަފްދެއް ފުރާވަޑައިގެންފި

އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 126 ވަނަ އާނމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ވަފްދެއް ރޭ ފުރާވަޑައިގެންފިއެވެ. އައި.ޕީ.ޔޫގެ 126 ވަނަ ޢާނމު ޖަލްސާ އޮންނާނީ ޔުގެންޑާގެ ކެމްޕާލާގައެވެ. އައި.ޕީ.ޔޫގެ 126 ވަނަ ބައްދަލުވުމުގެ ތީމް އަކަށް މިއަހަރު ހަމަޖައްސާފައިވަނީ “ޕާލަމެންޓްސް އެންޑް ޕީޕަލް – ބްރިޖިންގް ދަ ގެޕް” (Parliaments & People – Bridging the gap) މި ތީމެވެ.

އައި.ޕީ.ޔޫގެ 126 ވަނަ ޢާނމު ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 31 މާރޗް 2012 ވާ އާދީއްތަ ދުވަހުއެވެ.

އައި.ޕީ.ޔޫގެ 126 ވަނަ ޢާނމު ޖަލްސާގައި ބަޙުސް ކުރުމަށް ހަމަޖެހިފައިވާ މައުޟޫޢުތަކުގެ ތެރޭގައި ހިމެނެނީ:

  1. General debate on the political economic and social situation in the world with the overall theme of parliament and people – bridging the gap.
  2. Promoting and practising good governance as a means of advancing peace and security.
  3. Redistribution of power, not just wealth: ownership of the international agendas.
  4. Access to health as a basic right. The role of parliaments in addressing key challenges to securing the health of women and children.

މި މައިގަނޑު މައުޟޫޢު ތަކެވެ.

އައި.ޕީ.ޔޫގެ 126 ވަނަ އެސެމްބްލީ ހިނގަމުންދާ ވަގުތު ވިމެން ޕާލަމެންޓޭރިއަންސް ގެ ބައްދަލުވުންތަކާއި، ޕާލަމެންޓޭރިއަންސް ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުންތައްވެސް ހިނގަމުންދާނެއެވެ.

އައި.ޕީ.ޔޫގެ 126 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކެމްޕާލާއަށް ކުރައްވާ މި ދަތުރުފުޅުގައި ޔޫގެންޑާގެ ރައީސް ޔޮވޭރީ މުސޭވްނީއާއި، އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް އެންޑަރސް ބީ. ޖޯންސަންއާ ބައްދަލު ކުރައްވާނެއެވެ. އަދި ޔޫގެންޑާގެ ޤާނޫން ހަދާ މަޖިލީހުގެ ރައީސްއާވެސް ބައްދަލުކުރައްވާނެއެވެ.

އައި.ޕީ.ޔޫގެ 126 ވަނަ އެސެމްބްލީ ހިނގަމުންދާ ވަގުތު ޕާލަމެންޓްރީ ޔޫނިއަން އޮފް ދި އިސްލާމިކް ކަންޓްރީސްގެ ބައްދަލުވުމެއްވެސް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައިވެސް މަޖިލީހުގެ ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ 126 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޔޫގެންޑާއަށް ވަޑައިގެންނެވި ވަފްދުގައި މަޖިލީހުގެ ރައީސްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ ޢާރިފް އާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމެވެ.

އިންޓަރ ޕާލަމަންޓްރީ ޔޫނިއަންގެ 126 ވަނަ ބައްދަލުވުމާއެކު އެސޯސިއޭޝަން އޮފް ސެކްރެޓަރީ ޖެނެރަލްސް އޮފް ޕާލަމެންޓްސްގެ ޢާނމު ބައްދަލުވުމެއްވެސް ކެމްޕާލާގައި ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާނމު ބައިވެރިވެވަޑައިގަންނަވާނެއެވެ.