މަޖިލީހުގެ ގަވައިދަށް ގެންނަންޖެހޭ ބައެއް އިޞްލާހްތައް ގެނައުމުގައި މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ އެމަސައްކަތް އާންމު ކޮމިޓިއަށް ފޮނުއްވުމަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.
އަދި މި އިޞްލާހް ތަކާ މެދު އާންމު ކޮމިޓީން ގޮތެއް ނިންމަވައި މަޖިލީހުގެ ރައީސަށް ރިޕޯޓް ފޮނުއްވެވުމާ ހަމައަށްވެސް މަޖިލީހުން ކުރެވެން ހުރި އެހެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަން ގަސްދު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވިއެވެ.
މިގޮތަށް މިކަން ނިންމެވީ މަޖިލީހުގެ ގަވައިދަށް ގެންނަން ފެންނަ އިޞަލާހްތައް ގެނައުމާބެހޭގޮތުން ޕާޓީ ތަކުގެ ލީޑަރުންނާއި އެކު ބޭއްވި މަޝްވަރާތައް ވިލަރެސް ކޮށްދެއްވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި މިއަދު މަޖިލީހުގެ ރައީސް ބައްދަލުކުރެއްވުމަށް ފަހުގައެވެ. މަޖިލީހުގެ ނައިބު ރައީސް މިކަމުގައި ކޮށްދެއްވި މަސައްކަތްޕުޅުތަކަށާއި ޕާޓީ ތަކުގެ ލީޑަރުން މަޝްވަރާތަކުގައި ދެއްވި އެއްބާރުލެއްވުމަށް މަޖިލީހުގެ ރައީސް ޝުކުރުއަދާ ކުރައްވައެވެ.
މަޖިލީހުގެ ރައީސް މިހާރު ހަމަޖައްސަވާފައިވަނީ 2 އޭޕްރިލް 2012 ވާ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމަށެވެ. އެ ދުވަހުގެ ޖަލްސާގެ އެޖެންޑާ އަންނަ ބުރާސްފަތި ދުވަހު މެންބަރުންނަށް ފޮނުއްވާނެއެވެ.