މާލިއްޔަތު ކޮމިޓީގެ ތިންވަނަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ތިންވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 13:05 އިން 14:45 އަށެވެ.

މިބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެ ކޮމިޝަނުން މީޑިއާ މެދުވެރިކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ކުރައްވާފައިވާ ތުޙުމަތުތަކާ ގުޅޭގޮތުންނާއި އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި އިޕްސަސްގެ ފުލް އެކްރުއަލް ބޭސިސްއާ އެއްގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިސާބުތައް ތައްޔާރުކުރުމާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޝްވަރާ ބައްދަލުވުމަކަށް އެދިވަޑައިގެންފައިވާތީ، އެކަންތައްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްއާއި ފައިނޭންޝަލް ކޮންޓްރޯލަރ ބައްދަލު ކުރައްވާ މަޝްވަރާކުރެއްވި އެވެ. މި ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޮޑިޓަރ ޖެނެރަލް އަލްފާޟިލް ނިޔާޒު އިބްރާހިމާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙުސައިން، މެނޭޖަރ  އަލްފާޟިލް ޔަޒްމީދު މުޙައްމަދު، މެނޭޖަރ އަލްފާޟިލާ އާމިނަތު ނިއުމާ، މެނޭޖަރ އަލްފާޟިލް އަޙްމަދު ޞޯލިޙް، އޮޑިޓަރ އަލްފާޟިލް މުހައްމަދު ވާއިޒް އަދި ފައިނޭންޝިއަލް ކޮންޓްރޯލަރ އަލްފާޟިލް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މާލިއްޔަތު ކޮމިޓީގެ 10 މެންބަރުން ބައިވެރިވެވަޑައިގަތެވެ. އެއީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.