އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މރ. ޖޯން ރަންކިން މިމަހުގެ 18 އިން 19 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު 12:30 ގައި މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ހިޒް އެކްސެލެންސީ މރ. ރަންކިންގެ އަރިހުގައި ބްރިޓިޝް ހައިކޮމިޝަންގެ މޯލްޑިވްސް ޕޮލިޓިކަލް އޮފިސަރ، އަލްފާޟިލާ ޝަޙުލާ އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ މަސައްކަތްތައް ރޭވިފައި ހުރި ގޮތުގެ މައްޗައް އަލިއަޅުވާލައްވާ އެބޭފުޅުންނަށް މަޖިލީހުގެ ރައީސް މަޢުލޫމާތު ދެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތްގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރައްވާފައިވެއެވެ.