މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚް ކަނޑައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 213 ވަނަ މާއްދާ (ޅ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުން އެހެންދުވަހަކަށް ވަނީ ފަސްކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީޚަކީ މިހާރު 19 މާރޗް 2012 ވާ ހޯމަ ދުވަސް ކަމުގައި މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކުން އެންމެ އެދެވޭ ނަތީޖާތަކެއް އަދި މިހާތަނަށް ލިބިފައި ނުވި ނަމަވެސް، ހޯމަ ދުވަހާ ހަމައަށްވެސް އެދެވޭ ނަތީޖާއެއް ނެރެވޭތޯ މަޖިލީހުގެ ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ޖަލްސާ ފެށޭނީ އެދުވަހުގެ ހެނދުނު 10:00ގައެވެ.

19 މާރޗް 2012ވާ ހޯމަ ދުވަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނެ ކަމުގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.