“މީޓިންގް އޮފް ޕާލަމެންޓޭރިއަންސް އޮފް ކަންޓްރީސް މޯސްޓް ވަލްނަރަބަލް ޓު ކްލައިމެޓް ޗޭންޖް: ޑާރބަން އެންޑް ބިޔޯންޑް”
(Meeting of Parliamentarians of Countries Most Vulnerable to Climate Change: Durban and Beyond)
މިނަމުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިމަހު 14 އިން ފެށިގެން 16 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަހުމަދު ނާޒިމް ރޭ ފުރާވަޑައިގެންފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އޭގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރިމަތިވާ ދަތިތަކާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ. އަދި އެކަންތައްތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ލިބިފައިވާ ބަޖެޓް މުޠާލިޔާކުރުމުގެ މަސައްކަތާއި، މިކަންކަމާ ގުޅިގެން ސަރުކާރުން ހައްދަވާ ޕޮލިސީތައް ބަލައި އެކަމުގައި މަޖިލިސްތަކުން އަދާ ކުރެވޭނެ ދައުރާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ. މި މޭރުމުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، މާދަމާގެ ސެޝަންގެ މޮޑަރޭޓަރުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަހުމަދު ނާޒިމް އެވެ.
މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން، ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާއި އެޤައުމުގެ އެންވަޔަރަންމެންޓް އެންޑް ފޮރެސްޓްސް މިނިސްޓްރީގެ ސްޓޭންޑިންގް ކޮމިޓީއިން އިންތިޒާމް ކުރައްވައިގެން ބާއްވަވާ ބައްދަލުވުމެކެވެ.