ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ދެއްވި ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 1 މާޗް 2012 ވީ ބުރާސްފަތި ދުވަހު، އާދެ މިއަދު، މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަސް. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮންމެ އަހަރަކުމެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވަންޖެހޭ ވާޖިބެއް.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަކީ އިސްވެ ދެންނެވި ބޭނުމުގައި ތާވަލުކުރި ޖަލްސާއެއް. އެހެންނަމަވެސް، މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން މަޖިލީހުގެ ޖަލްސާ ފެށުމަށް ހުރަސްއަޅުއްވައި ކުރިއަށް ގެންދިޔަ ނުދެއްވާނެކަމަށް ވިދާޅުވެ އެބޭފުޅުން ވަނީ ތަފާތު ކަންތައްތަކެއް ކުރައްވާފައި. މަޖިލީހުގެ ޖަލްސާ ފެއްޓުމަށްޓަކައި އަޅުގަނޑު އެކިފަހަރު މަތިން ޖަލްސާކުރާ މާލަމަށް ވަންނަން މަސައްކަތްކުރިން. އެއިން ކޮންމެފަހަރަކު ވެސް ވަނީ އަޅުގަނޑަށް މާލަމަށް ވަނަނުދެއްވައި އެކަމަށް ހުރަސްއަޅުއްވާފައި. އަދި އެންމެ ފަހުން ވަންނަން މަސައްކަތްކުރި ފަހަރު އަޅުގަނޑު ވަނީ ބިންމައްޗަށް ވެއްޓި އެކިވަރުގެ އަނިޔާ އަޅުގަނޑަށް ލިބިފައި. މިކުރެވުނު މަސައްކަތްތަކުގެ އަލީގައިވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުޞަތު ނުދެއްވާ އަދި މާހައުލު ހޫނުވެ މެންބަރުން މެންބަރުންނާއި ދެމެދު ގަޔަށް އަތްލާ މާރާމާރީ ހިންގާ ހިސާބަށް ތަފާތު ފަހަރުތަކުގެ މަތިން މިއަދު ވަނީ ކަންތައްތައް ގޮސްފައި. މިއަދުގެ ޖަލްސާ ފަށައި ކުރިއަށް ގެންދިއުމަށް އޮތް ހަމައެކަނި މަގަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ ދައުލަތުގެ ސަލާމަތީ ޚިދުމަތުގެ ގިނަ އަދަދެއްގެ މީހުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތިބެގެން ކަމަށް އެ ފަރާތްތަކުން އަޅުގަނޑަށް ލަފާ ދެއްވާ. އަދި މިފަދަ ގޮތެއްގެމަތިން މެނުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން މަޖިލީހުގެ ތަޅުމުގައި ޔަޤީންކޮށްދެވޭކަށް ނެތް. މިވަރަށް ކަންތައްތައް ދިޔައިރުވެސް މިފަދަ ދަތި ހާލުގައިވެސް މިއަދު ހެނދުނު 9:45 އިން ފެށިގެން ވަރަށް ކެތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި ވަޑައިގެން އިންނެވިކަން އަޅުގަނޑު ފާހަގަކުރަން. އެމަނިކުފާނުގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމަށްޓަކައި މިހާރާ ހަމައަށް ވެސް އެމަނިކުފާނު މަޖިލީހުގައި އެބައިންނެވި. އަޅުގަނޑު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަށް ވަރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރުދަންނަވަން. މިއަދު އަޅުގަނޑުމެން ނިންމަންޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނީ ގަދަބާރުގެ ބޭނުންކޮށްގެންތޯ، ނުވަތަ ވާހަކަދައްކައިގެން ހައްލެއް ފެނޭތޯ މަސައްކަތް ކުރުންތޯ. އަޅުގަނޑަށް ބުރަވެވެނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ވާހަކަދައްކައިގެން މަޖިލީހުގެ ޖަލްސާ އިންތިޒާމް ކުރެވޭތޯ ބެލުމަށް. އެއީ ގިނަ އަދަދެއްގެ ސިފައިންގެ ބޭކަލުން މަޖިލީހުގެ ތަޅުމުގައި ހާޒިރުވެތިއްބަވާ ގޮތަކަށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން މި ޅަފަތުގައިވާ ޑިމޮކްރެސީ އަށް ފައިދާކުރާނެ ކަމެއްކަމުގައި އަޅުގަނޑަށް ނުފެންނާތީ. ވަކިކަހަލަ ނުރައްކަލެއް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިއްޖެ ހިނދެއްގައި އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިގެންވޭ. އަދި ރައްޔިތުންގެ މަޖިލީސް ބައްދަލުކުރުމަށް ކަނޑައަޅާފައިވާ ދުވަހެއްގައި މަޖިލީހަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މަޖިލީސް ބައްދަލުކުރުމަށް ކަނޑައަޅާ ދުވަސް ކުރިއަށް ޖެއްސުމުގެ ނުވަތަ އެހެން ދުވަހަކަށް ފަސްކުރުމުގެ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް، މަޖިލީހުގެ ރައީސަށް ލިބިގެންވޭ. ވީމާ، އިސްވެ ދެންނެވި ކަންކަމަށް ރިޢާޔަތްކޮށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 213 ވަނަ މާއްދާގެ (ޅ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މިއަދު ނުބާއްވާ ގޮތަށް އަޅުގަނޑު ހަމަޖައްސައިފިން. އެޖަލްސާ އެހެން ދުވަހަކަށް ފަސްކުރުމަށް ކަނޑައަޅައިފިން. އަދި އެޖަލްސާ ބާއްވާނެ ތާރީޚެއް އަޅުގަނޑު ފަހުން އިޢުލާނުކުރާނެ ވާހަކަ ދަންނަވަން. މި ފުރުޞަތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނަ ނުދެއްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކުރިމަތިކުރެއްވި ހުރަސްތައް އެއީ މި މުއައްސަސާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް އަޅުގަނޑު ދެކެން. އަދި އެކަން އަޅުގަނޑު ކުށްވެރިކުރަން. ސުލްޙަވެރިކަމާއެކު ޚިޔާލު ތަފާތުވުންތައް އެއްގޮތްކުރެއްވުމަށް އެދޭކަމަށް އަޅުގަނޑު ދަންނަވަން. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް މިވަރަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެންނުދާނެފަދަ ގޮތަކަށް ފިތުނަވެރިކަން އިތުރުވިޔަ ނުދެއްވުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރެއްވުމަށް އަޅުގަނޑު އެދެން.

ވައްސަލާމްޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

8 ރަބީޢުލްޢާހިރު 1433

1 މާޗް 2012