މރ. މާޓިން ޗުންގޮންގ އާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަންތައްތަކާމެދު މަޝްވަރާކުރެއްވުމަށްޓަކައި އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) އިން ރާއްޖެއަށް ފޮނުއްވި އެ ޔޫނިއަންގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް މރ. މާޓިން ޗުންގޮންގ، ރައްޔިތުންގެ މަޖިލީހުގެ ރައީސް  އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ މަޖިލީހުގެ  އިދާރާގައި މިއަދު މެންދުރު 12:30 ގައެވެ.

މރ. މާޓިން ޗުންގޮންގގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި، ސިޔާސީ އިސް ބޭފުޅުންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

އައި.ޕީ.ޔޫ އަކީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް ކުރިއެރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނުހަނު ގިނަ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމްޢިއްޔާއެކެވެ.