އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ނިޒާމް ގެއްލުމުގެ ސަބަބުން ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާޢީ ކުށެއްގެ ތުހުމަތުގައި ބަންދު ކުރެއްވުމާ ގުޅިގެން މަޖިލީހުގެ ގަވައިދުގެ 203 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިމްތިޔާޒް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް ހަސަން ހަބީބް ހާޒިރުކުރެއްވުމުން ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުގެ ސަބަބުން މިއަދު ކުރިއަށް ގެންދެވަން ހަމަޖެހުނު އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވައިފިއެވެ.

ކޮމިޓީ ނިންމަވާލެއްވިއިރު މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އިތުުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އެވެ.

 

22 ރަބީޢުލްއައްވަލް 1433

14 ފެބްރުއަރީ 2012