ސާފް ޗެމްޕިއަން ޝިޕް ފެށެން 2 ދުވަހަށް ވުމާއެކު ޤައުމީޓީމަށް ހިތްވަރު ދެއްވައި ފުރިހަމަ ރަންވަނައަކަށް މަޖިލީހުން އެދިވަޑައިގެންފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސާފް ޗެމްޕިއަން ޝިޕް 2009 ފެށުމަށް 2 ދުވަހަށް ވުމާއެކު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދެއްވައި ފުރިހަމަ ރަންވަނަ އަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންގެ ފަރާތުން މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ދި.އެފް.އެމް ރޭޑިޔޯ ސްޓޭޝަން މެދުވެރިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤައުމީ ފުޓްބޯޅަ ޓީމަށް ފޮނުއްވެވި ހިތްވަރުދެއްވުމާއި ތަހުނިޔާ އަދި ހެޔޮއެދުމުގެ މެސެޖްގައި ވިދާޅުވެފައިވަނީ ހުރިހާ މެންބަރުންނާއި މުވައްޒަފުން އަދި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ކުޅުންތެރިންނަށް ހިތްވަރާއި ޖޯޝާއި ފޯރިދޭން ތައްޔާރުވެ، މިކަމުގައި ބައިވެރިވެގެން ކަމުގައެވެ.

“އަޅުގަޑުމެން އުއްމީދު ކުރަނީ ވަރަށް ފުރިހަމަ ރަންވަނައެއް ރާއްޖެއަށް މިމުބާރާތުންވެސް ގެނެސްދެއްވާނެކަމަށް” ކަމުގައިވެސް މަޖިލީހުގެ ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.