އޮސްޓްރޭލިއާގެ ޑީކިން ޔުނިވަރސިޓީގެ އަލްފްރެޑް ޑީކިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމް ކުރި ޓްރެއިނިންގ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 3 މެންބަރުން ބައިވެރިވެވަޑައިގަންނަވާ

އޮސްޓްރޭލިއާގެ ޑީކިން ޔުނިވަރސިޓީގެ އަލްފްރެޑް ޑީކިން ރިސާރޗް އިންސްޓިޓިއުޓްގެ ފަރާތުން އިންތިޒާމް ކުރި ޓްރެއިނިންގ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 3 މެންބަރުން ކަމަށްވާ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ބައިވެރިވެ ވަޑައިގަންނަވަމުން އެބަގެންދަވައެވެ.  ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހު 5 އިން 11 އަށެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ނިޔާޒް އިބްރާހިމް އާއި މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ، އެކައުންޓިންގ އަލްފާޟިލާ ޚަދީޖާ ޙުސެއިން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ދުނިޔޭގެ ޤައުމުތަކުގެ މާލިއްޔަތު ކޮމިޓީތަކުގެ މެންބަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ޕްރޮގްރާމްގައި ދައުލަތުގެ ބަޖެޓް ތައްޔާރު ކުރެވޭގޮތާއި، ބަޖެޓް ދިރާސާ ކުރެވޭގޮތާއި، މާލިއްޔަތު ކޮމިޓީގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، މާލިއްޔަތު ކޮމިޓީއާއި އޮޑިޓަރ ޖެނެރަލްގެ ގުޅުމުގެ މައްޗަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ތަޖުރިބާކާރުން މަޢުލޫމާތު ދެއްވަވާނެއެވެ.

މި ޕްރޮގްރާމްގައި ގެސްޓް ޕްރެޒެންޓަރެއްގެ ގޮތުގައި ރާއްޖޭގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު އަޙްމަދު ނާޒިމް ބަޖެޓް ދަނެގަތުމާއި، ބަޖެޓް ދިރާސާ ކުރުމުގައި ދުނިޔޭގެ ޤައުމުތަކުގައި ޢަމަލު ކުރާ އުޞޫލުތަކާއި ގުޅޭގޮތުން ޕްރެޒެންޓޭޝަނެއް ދެއްވިއެވެ.  މީގެއިތުރުން، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ރާއްޖޭގެ މާލިއްޔަތު ކޮމިޓީއާއި ގުޅޭގޮތުން ވެސް ޕްރެޒެންޓޭޝަނެއް ދެއްވިއެވެ.

17 ރަބީޢުލްއައްވަލް 1433

9 ފެބްރުއަރީ 2012