ނޫސް ބަޔާން

ދިވެހި ޤައުމަށް މިވަގުތު ދިމާވެފައި މިވަނީ ވަރަށް ބިރުވެރި އަދި ނުހަނު ހިތާމަވެރި ދަނޑިވަޅެކެވެ. މި ޚުތޫރަތްތެރި ދަނޑިވަޅުގައި ދިވެހި ޤައުމުގެ ހުރިހާ ރައްޔިތުންނާއި ދައުލަތުގެ ހުރިހައި މުއައްސަސާތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ރާއްޖޭގެ ޤާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އެއްވެސް ޙާލެއްގައި ގާނޫނު އަސާސީއާއި ޚިލާފުނުވުމަށާއި ޣައިރުގާނޫނީ އެއްވެސް ކަމެއްނުކުރުމަށް ރާއްޖޭގެ ރައްޔިތުންނާ އެންމެހާ މުއައްސަސާތަކަށް އަޅުގަނޑު ގޮވައިލަމެވެ.

މިދަނޑިވަޅުގައި ކެތްތެރިކަމާއި އެކުވެރިކަންމަތީ ހުރިހައި ރައްޔިތުން ދެމިތިއްބެވުމަށާއި ރާއްޖޭގެ އަމަން އަމާން ކަމާއި މަޞްލަހަތަށް އިސްކަންދެއްވުމަށްއެދޭވާހަކަ ދަންނަވަމެވެ. މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މިލޮބުވެތި ފަސްގަނޑުން ދުށުމަށް އަޅުގަނޑުމެންގެތެރެއިން އެއްވެސް ފަރުދަކު ބޭނުންވާނޭ ކަންތައްތަކެއްނޫނެވެ. ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ގެއްލުންތައް އެއްބަޔަކު އަނެއްބަޔަކަށް ދިނުމާއި ދައުލަތުގެ މުދަލަށާއި އަމިއްލަ ފަރުދުންގެ މުދަލަށް ބޮޑެތި ގެއްލުންތައް ދިނުމަކީ އެއްވެސް ފަރުދަކު ބޭނުންވާނޭ ގޮތެއްނޫނެވެ.

އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ދެމިތިބި ބަޔަކު ކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާންކޮށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޚުއްވަތްތެރި ބައެއްގެ ގޮތުގައި ތިބުމަށް މިފުރުސަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަޅުގަނޑުގެ ދުޢާ އަކީ މިލޮބުވެތި ވަތަން އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން މަތީގައި އަބަދުގެ އަބަދަށް ލެހެއްޓެވުމެވެ.

 

14 ރަބިޢުލްއައްވަލް 1433

7 ފެބްރުއަރީ 2012

 

ޢަބްދުﷲ ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް