ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބާއްވައިފި

 

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވުނީ 20:35 ން 23:00 އަށެވެ.  މިބައްދަލުވުމަކީ، ދިވެހިރާއްޖޭގެ އިޖްތިމާޢީ ޢަދުލުގެ ނިޒާމު ހަލާކުވެ ޤައުމުގެ ޢާންމު މަސްލަޙަތު ގެއްލި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވުންތަކެއް މާލޭގައި މެދުކެނޑުމެއްނެތި ބާއްވަމުން ގެންދާތީ، މިކަމުގައި ޙައްލެއް  ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ދަށުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން، ބޭއްވުނު ބައްދަލުވުމެކެވެ.

މިއަދުގެ ބައްދަލުވުން ފެއްޓެވުމުގެ ކުރިން، އެންމެ ފުރަތަމަ މަޝްވަރާކުރެވުނީ މި ބައްދަލުވުމަކީ މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއްތޯ ބެއްލެވުމަށެވެ. އެގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، ކޮމިޓީގެ އިއްތިފާޤުން ނިންމެވީ މިބައްދަލުވުން މީޑިއާއަށް ހުޅުވާލައިގެން ގެންދިޔުމަށެވެ.

އެއަށްފަހު، ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން 20:30 ގައި ޑިފެންސް މިނިސްޓަރަށާއި އަދި ހޯމް މިނިސްޓަރއާ ބައްދަލުކޮށް މައްސަލައާ ގުޅިގެން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، 21:30 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއި، އަދި ކުރީގެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައިވާ، އައިޝަތު ވެލިޒިނީ އަދި ޑޮކްޓަރ އަފްރާޝީމް ޢަލީ، އެއްކޮށް ބައްދަލުކުރައްވަން ނިންމަވާފައިވީނަމަވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އައިޝަތު ވެލިޒިނީއާ އެއްކޮށް ބައްދަލުކުރައްވަން ބޭނުންފުޅުނުވާތީ، އެކަން މުޤައްރިރަށް ދެންނެވުމުން އެކަމާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހެޅުއްވީ 30 ޖެނުއަރީ 2012 ވަނަ ދުވަހު ބޭއްވުނު މިކޮމިޓީގެ 50 ވަނަ ބައްދަލުވުމުގައި ނިންމަަވާފައިވާ ގޮތަށް، ތިން ބޭފުޅުންނާ އެއްކޮށް ބައްދަލުކުރެއްވުމަށެވެ. އެހެންނަމަވެސް، މިއަދުގެ ބައްދަލުވުމަށް ޑޮކްޓަރ އަފްރާޝީމް ޢަލީ ވަޑައިނުގަންނަވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއި، އައިޝަތު ވެލިޒިނީ އާ ކޮމިޓީން ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިގޮތުން މެންބަރުން ކުރެއްވި ސުވާލުތަކާއި ގުޅިގެން ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް، އެކޮމިޝަންގެ މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވަމުން ގެންދަވާކަމަށް ދަންނަވާ، އެކަން ކުށްވެރިކޮށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ކައުންސެލް ޖެނެރަލްގެ ލަފާ ބޭނުންފުޅުވާކަމަށް ދެންނެވިއެވެ. އަދި މިކަމާއި ގުޅޭގޮތުން މުޤައްރިރު ނެރުއްވި ރޫލިންގގައި ދެންނެވީ، މިބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެއްވެސް ވާހަކަ ނުދައްކަވާކަމަށެވެ. އަދި މިރޫލިންގއަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲގެ ޙިޔާލުފުޅުތަފާތުވެ ކޮމިޓީ ކުރިއަށްގެންދިއުމަށް ދަތިވުމާއި ގުޅިގެން ކޮމިޓީ މެދުކަނޑާލެވުނެއެއަށްފަހު، ކޮމިޓީކުރިއަށް ގެންގޮސްފައެއް ނުވެއެވެ.