އެމް.އެން.ބީ.ސީ ވަންގެ ކޭބަލްއަށް ގެއްލުންދީ، އެ ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކަނޑަލާފައިވާ މައްސަލައާ ގުޅޭގޮތުން

31 ޖެނުއަރީ 2012 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނިކޮށް، އެވަގުތު އެ ކޮމިޓީ ލައިވްކުރައްވަމުން ގެންދެވި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) ވަންގެ ކޭބަލްއަށް ގެއްލުންދީ، އެ ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކަނޑަލާފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތަކީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތައްކަމަށްވީހިނދު، 31 ޖެނުއަރީ 2012 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ލައިވްކޮށް ބްރޯޑްކާސްޓްކުރައްވަމުން ގެންދެވި އެމް.އެން.ބީ.ސީ ވަންގެ ކޭބަލްއަށް ގެއްލުންދީ، އެ ސްޓޭޝަންގެ ޓްރާންސްމިޝަން މެދުކަނޑާލާފައިވާތީ، އެކަން ހިނގާފައިވާ ގޮތް ބައްލަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި 31 ޖެނުއަރީ 2012 ވަނަ ދުވަހު އެދުމުން، އެކަން ހިނގާފައިވާ ގޮތް ރައްޔިތުންގެ މަޖިލީހާ ގުޅިގެން އެފަރާތުން ބައްލަވުމުން ގެންދަވާ ވާހަކަ ދަންނަވަމެވެ.  އަދި، ބުނެވިދިޔަ ގޮތުގެމަތިން އެ މައްސަލަ ބައްލަވައި ނިންމެވުމުން، އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ، އެ ފަރާތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިފަދަ ޢަމަލުތައް ހިންގާފަރާތްތައް މިއިދާރާއިން ކުށްވެރި ކުރާ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

9 ރަބީޢުލްއައްވަލް 1433

1 ފެބްރުއަރީ 2012