ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިި

ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިިއެވެ. އެއީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއެވެ.

 

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

މިއަދުގެ ބައްދަލުވުމުގައި، މިކޮމިޓީގެ ބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ބައްދަލުވުންތަކެއްތޯ ސާފުކުރެއްވުމަށް 28 ޑިސެމްބަރ 2011 ވަނަ ދުވަހު ބޭއްވުނު މި ކޮމިޓީގެ ބައްދަލުވުމުގައި ކައުންސެލް ޖެނެރަލްގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ މައްސަލައިގެ ޖަވާބުގައި ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްވެސް ސިއްރުކުރަން ބޭނުންފުޅުނަމަ އެބައްދަލުވުމެއްގައި ވޯޓު ނަންނަގަވައި އެބައްދަލުވުމަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުން ސިއްރުކުރުމަށް ނިންމުމުން ކޮމިޓީގެ ބައްދަލުވުން ސިއްރުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވާތީ ކޮމިޓީގެ ކޮންމެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމުގައި ކުރިން ކަނޑައަލުއްވައި ކޮމިޓީގެ ގަވާއިދުގައި ހިމަނުއްވާފައިވާ މާއްދާ އިޞްލާޙުކުރެއްވިއެވެ.

އެއަށްފަހު، ކުރިއަށް ގެންގޮސްފައިވަނީ 26 ޖެނުއަރީ 2012 ގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރަކު ސޮއި ކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމެވެ. މިމައްސަލައަކީ “ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުޙަންމަދު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އަދި ޤާނޫނުތަކާ ޚިލާފަށް ހައްޔަރުކޮށްފާވާތީ އަދި މިއަދާ ހަމައަށްވެސް އަބްދުﷲ މުޙަންމަދު ސަލާމަތީ ބާރުތަކުން ހިފައްޓާފައިވާތީ މިހާރު އިތުރަށް އެމައްސަލަ ބަލަން ބޭނުންވާތީ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، މިމައްސަލަ ހިނގާފައިވާގޮތް އޮޅުންފިލުވަން ބޭނުންވާތީ، ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތައް ބަލާ އެކަންތައްތާމެދު އެފަރާތްތަށް ޖަވާބުދާރީ ކުރުވުމަށް” އެދި ހުށަހަޅުއްވާފައިވާ މައްސަލައެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި، ހުށަހެޅިފައިވާ މައްސަލައާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެވެމުން ދަނިކޮށް، ކޮމިޓިގެ ޢާންމު މަޞްލަޙަތު ގެއްލުމުގެ ސަބަބުން މިއަދުގެ ބައްދަލުވުން އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމުގައި ވިދާޅުވެ ކޮމިޓީގެ މުޤައްރިރު ބައްދަލުވުން ނިންމަވާލެއްވިއެވެ.

ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީއެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަލީ ޢާޒިމް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ. ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް ހުންނެވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2 ބައްދަލުވުމެއް މިއަދު ބާއްވާފައިވެއެވެ.

މިގޮތުން މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކްރިމިނަލް ކޯޓްގެ އިސްޤާޒީ ޢަބްދުﷲ މުޙަންމަދުގެ މައްސަލާގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ސޮއި ކުރައްވާ ހުށައެޅުއްވި މައްސަލައާމެދު އެ މައްސަލާގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރެއްވުމެވެ. މިބައްދަލުވުމަށް ޖޭ އެސް ސީގައި ހިމެނި ވަޑައިގަންނަވާ ހުރިހާ މެންބަރުންވެސް ވަޑައިގެންނެވިއެވެ. އަދި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ކޮންމެ މެންބަރަކަށްވެސް ކޮމިޝަނާ ސުވާލު ކުރެއްވުމަށް 10 މިނެޓްގެ ވަގުތު އެރުވިއެވެ. އަދި ހުރިހާމެންބަރުން ސުވާލުކޮށް އެ ސުވާލުގެ ޖަވާބު ކޮމިޝަނުގެ މެންބަރުން ދެއްވުމުން ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި ކްރިމިނަލް ކޯޓްގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދުގެ މައްސަލާގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެންބަރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީއާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވާ މި ކޮމިޓީއަށް ހުށައެޅުއްވި މައްސަލައާމެދު ބަހުސްކުރެއްވުމެވެ. ނަމަވެސް، ހުށަހެޅިފައިވާ މައްސަލައާމެދު ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުސަތުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާ 1 ގަޑިއިރަށް ދިގުލައިގެން ދިއުމުން ކޮމިޓީގެ މުޤައްރިރަށް ކޮމިޓީ އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ފެނިވަޑައިގެންނެވުމުން ކޮމިޓީގެ ބައްދަލުވުން މާދަމާ 13:00 ށް ކޮމިޓީ ބާއްވަން ނިންމަވާ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

 

5 ރަބީޢުލްއައްވަލް 1433

28 ޖެނުއަރީ 2012