ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއާއި، 70 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވީހިނދު، ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވައި، އަދި އެ ކަންކަން ކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެއެވެ. އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބުނެވިދިޔަ ބާރު ތަންފީޛުކުރުމަށްޓަކައި، އެ މަސައްކަތް ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކެވެ. އެހެންކަމުން، މިހާރު ދިވެހިރާއްޖޭގައި ހިނގަމުންދާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އުފެދިފައިވާ ހަލަބޮލިކަން ހައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ނިމިގެންދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީންވަނީ ދެ ބައްދަލުވުމެއް ބާއްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންވަނީ މިއަދު ބައްދަލުވުމެއް ބާއްވައި، އެ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާއިގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސްއާއި، ޗީފް އޮފް ޑިފެންސް ފޯސް މާދަމާ އެ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް ނިންމާފައެވެ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން އެ މަޖިލީހަށް އިންތިޚާބުކޮށްފައިވާ މެންބަރުންގެ މައްޗަށް ކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހުގެ ނިންމުތައް ނިންމާ ބަޔަކީ މަޖިލީހުގެ މެންބަރުންނެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަކީ އެކަކު އެކަނި ނިންމުންތައް ނިންމޭނެ ތަނެއް ނޫނެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތަކާއި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގެ ބާރު ލިބިގެންވަނީ، ޤާނޫނުއަސާސީއާއި، މަޖިލީހުގެ ގަވާއިދާއި، މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއްގައި، މަޖިލީހުގެ ރައީސް ޚިޔާލެއް ފާޅުކޮށް، މަޖިލީހުގެ ރައީސް އެކަމާމެދު ދެކޭގޮތް ހާމަކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސަށް ކުރެވޭނެ ކަމެއް ނޫނެވެ. ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކުން މަސައްކަތް ކުރަމުން ގެންދާއިރު، އެ ކޮމިޓީތަކުން އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާފައިނުވާހާހިނދަކު، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުންދެކޭގޮތް ހާމަކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްވެސް ޚިޔާލެއް ފާޅުކުރުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ އުސޫލެއް ނޫނެވެ.

ވީމާ، ދިވެހިރާއްޖޭގައި ހިނގަމުންދާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ދިމާވެފައިވާ ހަލަބޮލިކަން ހައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ކަމާބެހޭ ޤާނޫނުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން އަރުވަމެވެ.

27 ޞަފަރު 1433

21 ޖެނުއަރީ 2012