މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 13:10 އިން 13:45 އަށެވެ.

މިބައްދަލުވުމުގައި، ޤާނޫނު ނަންބަރު (17/2011) މަސްތުވާތަކެއްޗާބެހޭ ޤާނޫނު ފާސްކުރައްވާފައިވާއިރު ޑްރަގް ކޯޓުގެ ފަނޑިޔާރުންގެ ރިސްކް އެލަވަންސް ކަނޑައަޅުއްވާފައިނުވާތީ، ޑްރަގް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންނަށް ރިސްކް އެލަވަންސް ކަނޑައަޅުއްވާ ދެއްވުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ އާމެދު މަޝްވަރާކުރެއްވިއެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީންނަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތަކާ އެއްވަރަށް ޑްރަގް ކޯޓުގެ ޤާޟީންނަށް ލިބިދިނުމަށް ކޮމިޓީން ނިންމެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ.

17 ޞަފަރް 1433

11 ޖެނުއަރީ 2012