ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަރސް ގެ 21 ވަނަ ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވައިފި

ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަރސް ގެ 21 ވަނަ ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ ވާހަކަފުޅުދައްކަވައިފިއެވެ.

މިބައްދަލުވުމުގައި، އެމަނިކުފާނު އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ (ލޮކްސަބާގެ) ރައީސް، މީރާ ކުމާރު “ދަ ރޯލް އޮފް ޕާލިމެންޓަރީ ޑިޕްލޮމެސީ އިން ދަ އީރާ އޮފް ގްލޯބަލައިޒޭޝަން” އާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށް މަރުޚަބާ ވިދާޅުވިއެވެ. އަދި ގްލޯބަލައިޒޭޝަންގެ ސަބަބުން ދުނިޔެ ސިފަ ކުރެވިފައިވަނީ ކުޑަ އަވަށެއްގެ ގޮތުގައިކަމަށާއި، އަދި މިހާރުގެ ޓެކްނޮލޮޖީގެ ސަބަބުން ދޭދޭ ޤައުމުތަކުގެ މެދުގައާއި ފަރުދުންގެ މެދުގައި މުޢާމަލާތުކުރުމުގައި އަވަސް އަދި ލުއިފަސޭހަ ގޮތްތަކެއް ލިބިގެންދާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ނިންމުންތަކުގައި ވަކިވަކި ފަރުދުންގެ ނުފޫޒު ކުރިއަށްވުރެ ބޮޑަށް މިހާރު އިތުރުވެފައިވާކަމަށް ފާހަގަކުރައްވައި، މިގޮތުން ޤާނޫނުހަދާ މަޖިލީސް ތަކުގެ ދަޢުރުފުޅާވެފައިވާ ކަމުގައިވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ޓެރަރިޒަމް އަދި އަންހެނުންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މަޝްރަހުގައި މުހިންމުވެފައިވާ މައްސަލަތަކާބެހޭ މަޢުލޫމާތު ޤާނޫނުހަދާ މަޖިލީސްތަކުން ލިބިގަތުމުން ޤައުމީ ފެންވަރުގައި ހެދޭ ޤާނޫނުތައް ހެދުމުގައި އެހީތެރިކަން ލިބިގެންދާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ރާއްޖޭން ބޭރުގެ ބައެއް ޤާނޫނުހަދާ މަޖިލިސް ތަކާދެމެދު ގުޅުންބަދަހިކޮށް މަޢުލޫމާތާއި ތަޖްރިބާ ބަދަލުކުރުމުގެ މަޤްޞަދުގައި ފްރެންޑް ޝިޕް ގްރޫޕްތައް މިހާރު އުފެދިފައިވާ ކަމަށެވެ.

ރިޕަބްލިކް އޮފް ޓްރިނިޑޭޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕެއިންގައި ކުރިއަށްދާ ކޮމަންވެލްތް ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރެސައިޑިންގް އޮފިސަރސްގެ 21 ވަނަ ބައްދަލުވުން ކުރިއަށްދަނީ މިމަހު 7 އިން 12 އަށެވެ.

 

16 ޞަފަރް 1433

10 ޖެނުއަރީ 2012