ނޫސް ބަޔާން

29 ޑިސެމްބަރ 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ ގައި ހިނގައި ދިޔަ ކަންތައްތަކާ ބެހޭގޮތުން ބައެއް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޝާއިޢު ކުރެވެމުންދާ ބައެއްވާހަކަތަކާ ގުޅިގެން ކަންހިގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކެވަޑައިގަންނަވައެވެ. އެގޮތުން ތިރީގައި މިވާ ކަންކަން ފާހަގަ ކޮށްލަމެވެ.

މެންބަރުންގެ ނަން އިއްވަން ޖެހުން

އެދުވަހުގެ ޖަލްސާގައި 8 މެންބަރެއްގެ ނަން އިއްވަވަން ޖެހިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 51 ވަނަ މާއްދާގެ (ށ) އާއި ބައެއް މެންބަރުން ޚިލާފްވެވަޑައިގަތުމުގެ ސަބަބުންނެވެ. މަޖިލީހުގެ ގަވައިދުގެ 51 ވަނަ މާއްދާގެ (ށ) ގައިވަނީ ” ވޯޓެއް ނެގެމުންދާ ދަނޑިވަޅު ނުވަތަ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ ދަނޑިވަޅު މަޖިލީހުގެ އަމީން ޢާންމުގެ މޭޒުގެ ކައިރިއަށް އެއްވެސް މެންބަރަކު ގޮސްގެންނުވާނެއެވެ.” މިފަދައިންނެވެ. އެހެންކަމުން މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން އެމެންބަރަކަށް ނަސޭހަތްތެރި ވުމަށްފަހު އެމާއްދާގެ (ނ) ގެ ދަށުން އެމެންބަރަކަށް އިންޒާރުކުރުމަށްފަހު 54 ވަނަ މާއްދާގެ (ބ) ގެދަށުން އެމެންބަރެއްގެ ނަން އިއްވައި 54 ވަނަ މާއްދާގެ (ރ) ގެ ދަށުން އެމެންބަރަކު މަޖިލިސް ދޫކޮށް ދިއުމަށް އެންގުމުގެ ބާރު 54 ވަނަ މާއްދާގެ (ރ) އިން މަޖިލީހުގެ ރައީސަށް ލިބިދެއެވެ.

މިމާއްދާގައިވާގޮތުގެ މަތީން މެންބަރެއްގެ ނަން އިއްވައި މަޖިލިސް ދޫކޮށް ދިއުމަށް އެންގުމުން އެކަމަށް އިންކާރުކޮށްފިނަމަ މަޖިލީހުގެ ކަރާމާތަށް އުނިކަމެއްނާންނާނެ ގޮތެއްގެ މަތީން އެމެންބަރަކު މަޖިލިސްކުރާ މާލަމުން ނެރުމުގެ ބާރުވެސް މަޖިލީހުގެ ގަވައިދުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ކ) އިން މަޖިލީހުގެ ރައީސަށް ލިބިދީފައިވެއެވެ.

ޤާނޫނުއަސާސީގެ 87 ވަނަމާއްދާގެ (ށ) އާއި ޚިލާފުވެފައިވާކަމަށް ބުނާ ބުނުން

29 ޑިސެމްބަރ 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާ ގައި ނެގުނު ވޯޓަކީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނަގާފައިވާ ވޯޓެއްކަމުގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ދަންނަވަމެވެ.

ޤާނޫނުއަސާސީގެ 87 ވަނަ މާއްދާ ގެ (ށ) ގައި ބަޔާންކޮށްފައިވަނީ ” މިޤާނޫނުއަސާސީގެ 86 ވަނަ މާއްދާ އެހެން އޮތްކަމުގައިވިއަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.” 29 ޑިސެމްބަރ 2011 ވީ ދުވަހު ބޭއްވުނު ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވޯޓަށް އައްސަވާފައި ވަނީ 40 މެންބަރުން ހާޒިރުވެ ތިއްބެވި ޖަލްސާއެއްގައެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދަދު ކަމުގައި މިމަޖިލީހުގައި ވާނީ 39 އެވެ. ވޯޓުގެ ނަތީޖާ ދައްކާފައިވާ ގޮތަކީ ފެނިވަޑައިގަންނަވާކަމަށް 38 މެންބަރުން ވޯޓު ދެއްވައި 1 މެންބަރަކު ވަކިކޮޅަކަށް ވޯޓު ނުދެއްވައި އިންނެވުމެވެ. އަދި މަޖިލީހުގެ ރައީސް އާއެކު ޖުމްލަ 40 މެންބަރުން ވޯޓަށް އެއްސެވި ވަގުތު ޖަލްސާ ގައި ތިއްބެވުމެވެ. އެހެންކަމުން އެ ޖަލްސާގައި ރިޔާސަތުން ވޯޓަށް އައްސަވާފައިވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ޤާނޫނީ އަދަދު ލިބިފައިވާ ޖަލްސާއެއްގައެވެ.

މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބަޔާން ކުރާ ވަގުތު ފާއިތުވުމަށްފަހު ކުރިއަށް ގެންދިޔަ ޖަލްސާ އެއްކަމުގައި ބުނާ ބުނުން

މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާއެއް ފެށުމާއި ނިމުމާއި ދެމެދު މަޖިލީހުގެ ޖަލްސާގެ ވަގުތު ހަމަޖެހިފައިވާނީ އަންނަނިވި ތާވަލުގައި އެވާގޮތަށެވެ. މިހެން ބަޔާންކުރުމަށްފަހު 12:30 ގައި ދެވޭ ހުސްވަގުތު ކޮޅަށްފަހު ޖަލްސާ ކުރިއަށްދާނީ 13:00 އިން 14:30 އަށް ކަމުގައި ބަޔާން ކޮށްފައި ވެއެވެ. އަދި ހަމައެއާއެކު މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (އ) ގައި މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވެން ނެތް މިންވަރަށް މަޖިލީހުގެ ނިޒާމު ގެއްލިއްޖެ ކަމަށްވާނަމަ މަޖިލީހުގެ ޖަލްސާ އެހެންވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

29 ޑިސެމްބަރ 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ޖަލްސާ ހިގަމުން ދަނިކޮށް މަޖިލީހުގެ ގަވައިދުގެ 51 ވަނަ މާއްދާގެ (ށ) އާއި ޚިލާފްވެވަޑައިގަތުމުގެ ސަބަބުން ނަން އިއްވެވި މެންބަރުން މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މަޖިލިސް ދޫކޮށް ނުދިޔުމުގެ ސަބަބުން އެމާއްދާގެ (ކ) ގައިވާ ގޮތުގެމަތީން ނަން އިއްވެވި މެންބަރުން މަޖިލިސްކުރާ މާލަމުން ނެރެވެންދެން މަޖިލިސް މެދުކަނޑުއްވާލެއްވީކަމަށް ރިޔާސަތުން ވަނީ އިޢުލާން ކުރައްވާފައެވެ. އެހެންކަމުން ޖަލްސާ ކުރިއަށް ގެންދެވީ މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ގޮތާއި ޚިލާފަށް ކަމަށް ބަޔާން ކުރުމަކީ ކަމުގެ ހަގީގަތާ އެއްގޮތަށް ބުނެވޭ ވާހަކަ އެއްނޫނެވެ.

އެހެންކަމާއެކު 29 ޑިސެމްބަރ 2011 ވީ ބުރާސްފަތި ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެފަހު ޖަލްސާގައި ހިނގައި ދިޔަ ކަންތައްތަކާގުޅިގެން ތަފާތު ގޮތް ގޮތަށް ވާހަކަތައް ދެކެވޭތީ ކަން ހިގައިދިޔަ ގޮތުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން މިބަޔާން ނެރުނީމެވެ.

 

5 ޞަފަރު 1433

30 ޑިސެމްބަރ 2011