މިއަދުގެ ޖަލްސާއިން ފެނިގެންދިޔަ ބައެއް މަންޒަރުތަކާއި ތަޖުރިބާކުރަންޖެހުނު ބައެއް ކަންތައްތަކަކީ، އެކަންތައްތައް ދުށުމަށް ނުވަތަ ތަޖުރިބާކުރަން، ކިތަންމެ ބޭނުންނެތްނަމަވެސް އުފެދެމުން ފެށެމުން ދާ ޑިމޮކްރަސީއެއްގައި ދިމާވެދާނެ ޙާލަތެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ނިންމަވާ ލެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ. މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަންވީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށާއި، އެކަކު އަނެކެއްގެ ވިސްނުމާއި، މަންޒަރުތައް ދެކޭގޮތް އެއީ ތަފާތު ވެދާނެ ކަމެއްކަމުގައިވެސް ބަލައި ގަތުމަށެވެ. ހަމައެހެންމެ މަޖިލީހުގެ ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެންވެސް އެއްގޮތެއްގައި ސާބިތުވެތިބުމަށާއި، މި ޑިމޮކްރަސީއަކީ އަޅުގަނޑުމެން އެންމެން އެކައްޗަކަށް ހަދައިގެން ކުރިއަށް ގެންދަން ބޭނުންވާ ޑިމޮކްރަސީއެއްކަމުގައި ވާނަމަ އެ ޑިމޮކްރަސީ ދޮންވެ ފައްކާވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނުގެ ހިތްޕުޅުގައި އޮތްކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނަށާއި، މަޖިލީހުގެ ކަންކަން ހިންގަމުން ގެންދިއުމުގައި އެހީތެރިވެ ވަޑައިގެންދެއްވި ހުރިހާ ބޭފުޅުންނަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރައްވައި މީލާދީ އާއަހަރުގެ ތަހުނިޔާ ފޮނުއްވައި އުފާވެރި ބާއްޖަވެރި އާ އަހަރެއެްގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
4 ޞަފަރް 1433
29 ޑިސެމްބަރ 2011