ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 1:00 ގައި އަލުން ފެށުމަށްފަހު މަޖިލީހުގެ ބައެއް މެންބަރުން ނަންގަވަމުން ގެންދެވި ނިޒާމީ މައްސަލަތަކާ ގުޅިގެން، މަޖިލީހުގެ ރައީސް ރޫލިންގް ނެރުއްވާފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ ނިންމާކަންކަމުގެ ތެރެއިން މިއަަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ މާލިއްޔާތު ކޮމިޓީގެ ރިޕޯޓުގައިވާ ބާވަތުގެ މައްސަލަތަކަކީ މަޖިލީހުގައި މީގެކުރިންވެސް ޢަމަލު ކުރަމުން ގެންގޮސްފައިވާ އުުސޫލުތަކުގެ މަތިން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ކަމުގައިވާތީ އެއީ ނިޒާމީ މައްސަލައެއް ނޫންކަމުގައެވެ.

އަދި އެމައްސަލާގައި މެންބަރުން ނެންގެވި ނިޒާމީ މައްސަލައަކީ މާލިއްޔަތު ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް އެ އެޖެންޑާ އައިޓަމް ނިމި އެމައްސަލައިގާ ވޯޓަށް އަހަން ތައްޔާރުވެފައިވަނިކޮށް ނެންގެވި ނިޒާމާބެހޭ މައްސަލައެކެވެ. އަދި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މެންބަރުންނަށް ފޮނުވައި މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ މިއަދު އެޖެންޑާކޮށް އެމައްސަލައިގެ ބަހުސް ނިމުމާ ހަމައަށްވެސް މަޖިލީހުގެ އެއްވެސް މެންބަރަކު އެމައްސަލަ ކުރިމަތި ކުރައްވާފައެއް ނުވެއެވެ.

އެހެންކަމުން މިކަމަކީ މަޖިލީހުގައި ޢަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާ އެއްގޮތަށް ހިގާފައިވާ ކަމެއްކަމުގައި މަޖިލީހުގެ ރައީސް ގަބޫލު ކުރައްވާތީ އެގޮތަށް ނިންމެވީއެވެ.

 

4 ޞަފަރު 1433

29 ޑިސެމްބަރ 2011