7 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 7 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ އިޤްތިޞާދީ ކަންކަމުގެ ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ޢާންމު ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ގަވާއިދު ކޮމިޓީ އަދި ޤައުމީ ސަލާމަތުގެ ކޮމިޓީ އެވެ.

އިޤްތިޞާދީ ކަންކަމުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 09:50 ން 10:20 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި “އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލް” އަނބުރާ ކޮމިޓީއަށް ފޮނުއްވާފައިވާތީ، މިބިލު އިސްލާހުކުރައްވާނެ ގޮތަކާއިމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދު ހުންނެވީ ސަލާމުގައެވެ.

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މިއަދު ހެނދުނު 10:15 ން 10:25 އަށެވެ. މިކޮމިޓީގެ ބައްދަލުވުުމުގައި ކުރިޔަށް ގެންދިޔައީ ރިޕޯޓްތައް ފައިނަލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ސުނާމީ ކާރިސާގައި ހާލުގައި ޖެހުމުގެ ސަބަބުން ރ.ކަނދޮޅުދޫ ރައްޔިތުންނާއި ވިލުފުށީގައި އަލުން އާބާދުކުރެވުނު އެރަށުގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި، ސުނާމީ ކާރިސާއާ ގުޅިގެން ލ.މުންޑޫ ރައްޔިތުންނަށް ލިބިފައިވާ ނިކަމެތިކަމާއި ގެއްލުންތަކުގެ ސަބަބުން މުންޑޫގެ ޙާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެމީހުންނަށް ލިބެންވާ ބޯހިޔާވަހިކަމާއި އެހެނިހެން އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރަށް ގޮވާލައި، މުންޑޫ ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޕެޓިޝަނާއ،ި 26 ޑިސެމްބަރ 2004 ގައި ދިމާވި ސުނާމީ ކާރިސާގައި މީހުން ދިރިނޫޅެވޭ ވަރަށް ރ.ކަނދޮޅުދޫ ހަލާކުވެ ގެއްލުން ލިބުމުގެ ސަބަބުން ކަނދޮޅުދޫއިން ގެއްލުނު ބިން ނުވަތަ ގޯތީގެ ބަދަލުގައި ދުވާފަރުން ބިމެއް ނުވަތަ ގޯއްޗެއް ނުލިބޭ ފަރާތްތަކަށް ޙައްޤު ހޯއްދަވާދެއްވުމަށާއި މިޙާލަތުގައި ތިބި ރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ޙައްޤުތައް ހޯއްދަވާދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި، ލ. ކުނަހަންދޫ ބަނދަރު ހެދުމުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި، މަސްތުވާތަކެއްޗާއި ބެހޭ ބިލް ފާސްކޮށްދިނުން އަވަސް ކޮށްދެއްވުން އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ގުޅޭ ރިޕޯޓްތައް ކޮމިޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފIޤް ޙަސަން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ކުރެންދޫދާއިރާގެމެންބަރުއަޙްމަދު މޫސާއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް، ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދުއެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:32 ން 10:35 އަށެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ށ) އަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ހުށަހަޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، މި މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމެވުމަށް މަޖިލިސް ފްލޯ އަށް ފޮނުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދުު ތާޢީދުކުރެއްވިއެވެ. އަދި މިހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޟް ކުރައްވާފައިނުވާތީ އެގޮތަށް ކޮމިޓީގެ ޢިއްތިފާގުން ނިންމެވިއެވެ. އެއަށްފަހު، މަޖިލީހުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ (ރ) ށް މަޖިލީހުގެ އިދާރާއިން ހުށަހެޅުއްވާފައިވާ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، މިއިޞްލާޙު ހުށަހަޅުއްވާފައިވާ ގޮތަށް މަޖިލީހުގެ ފްލޯރއަށް ފޮނުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ތާއީދުކުރައްވިއެވެ. އަދި ވަޑައިގެންނެވި އެއްވެސް މެންބަރަކު އިޢުތިރާޟް ނުކުރައްވާތީ މި އިޞްލާޙު ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. މީގެ އިތުރުން، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އަލަށް ތަޢާރަފްކުރެވޭ އެލަވަންސްއާއި، އަދި މިހާރު ދެއްވަމުން ގެންދަވާ ޚާޒިރީ އެލަވަންސްގެ ނަމަށް ބަދަލު ގެނައުމާ ގުޅޭގޮތުން އިދާރާގެ އެޗް.އާރް ޕެނަލް އިން ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެއަށްފަހު، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހުށަހެޅުއްވާ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު ތާއީދުކުރެއްވީ އިދާރާއިން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށެވެ. އެހެންނަމަވެސް، ބައެއް މެންބަރުންގެ ޚިޔާލު ތަފާތުވެފައިވާތީ، ވޯޓަށް އެއްސެވިއެވެ. އަދި ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވީ ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށެވެ. އެއަށްފަހު، ކޮމިޓީތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ހުށަހެޅުއްވި ޕްރޮޕޯސަލް ދިރާސާކުރުއްވުމަށްފަހު، މި ކަމަށް ހިންގާނެކަމަށް ލަފާކުރެވޭ ހަރަދު ބެއްލެވުމަށް، ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަޙުމަދު ޢާމިރު ހުށަހަޅުއްވާ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު ތާއީދުކުރެއްވިއެވެ. އަދި ވަޑައިގެންނެވި އެއްވެސް މެންބަރަކު އިޢުތިރާޟް ނުކުރައްވާތީ ކޮމިޓީގެ ޢިއްތިފާގުން ނިންމެވިއެވެ.   އަދި މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅުއްވާ އިޞްލާޙު އަލުން އަނބުރާ ކޮމިޓީއަށް އައިސްފައިވާތީ، އެ އިޞްލާޙު ދިރާސާކުރެއްވުމަށްފަހު، 151 ވަނަ މާއްދާގެ (ހ) އުނި ކުރަން މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ހުށަހަޅުއްވާ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު ތާއީދުކުރެއްވިއެވެ. އަދި ވަޑައިގެންނެވި އެއްވެސް މެންބަރަކު އިޢުތިރާޟް ނުކުރައްވާތީ ކޮމިޓީގެ އިއްތިފާގުން ނިންމެވިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 11:10 ން 11:45 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް ، އާޓްސް އެންޑް ކަލްޗަރ އިން ވިލާ ހޮޓެލްސް ގެ ރިސޯޓް ތަކުގައި ހިންގާ ސްޕާ ތަކުގައި ހަށިވިއްކުމުގެ ޢަމަލުތައް ހިންގާކަމަށް ބުނެ ވިލާ ހޮޓެލްސްގެ ރިސޯޓުތަކުގައި ހުރި ސްޕާތައް ބަންދު ކުރަން އަންގާފައިވާތީ ، އެކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 123 (ހ) ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅުއްވައިފައިވާ މައްސަލަ ބެއްލެވުން އޮތެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު މިމައްސަލައާއި ގުޅޭ ގޮތުން ހުށަހެޅުއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. މަރިޔަމް ޒުލްފާއާއި ޓޫރިޒަމް މިނިސްޓަރގެ ނާއިބު އަލްއުސްތާޛް އިސްމާޢީލް ޔާސިރު ހާޒިރު ކުރެއްވުމަށެވެ. އަދި މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ތާއީދުކުރެއްވުމުން، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އޭރު ޙާޟިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި ހަމަ އެހެންމެ މި ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރައްވާ ކޮމިޓީގެ ބައްދަލުވުން ހުރިހާ ޓީވި ސްޓޭޝަން ތަކުން ލައިވް ކޮށް ދެއްކުމަށް ވެސް ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު ހުށަހަޅުއްވާފައިވެއެވެ.

މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙްމަދު ފަޞީޙް ކޮމިޓީއަށް ޙާޒިރުކުރެވޭތޯ ބެލުމަށް ކައުންސިލް ޖެނެރަލްގެ ފަރާތުން ޤާނޫނީ ލަފާފުޅެއް ހޯދުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ. އަދި މި މައްސަލައަކީ މިހާރު ކޯޓު މަރުހަލާގައިވާ މައްސަލައެއްކަމުން މިމައްސަލަ އިތުރަށް ކޮމިޓީން ކުރިއަށް ގެންދެވޭނެތޯ ބެލުމަށް ކައުންސިލް ޖެނެރަލްގެ ލަފާފުޅެއް ހޯދުމަށް ވެސް ކޮމިޓީން ނިންމެވިއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު، ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީށް މުޙައްމަދުއެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މިއަދު 11:23 ން 12:17 ށް އަށެވެ. މިބައްދަލުވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ޑްރާފްޓް ރިޕޯޓާއިމެދު މަޝްވަރާ ކުރައްވާ ފައިނަލް ކުރެއްވުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ތާއީދުކުރައްވާ ރިޕޯޓް ފައިނަލް ކުރައްވާ ނިންމެވިއެވެ. އަދި، ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނަށް، މުސާރައިގެ އިތުރުން ލިވިންގ އެލަވަންސް ކަނޑައަޅުއްވާފައިވާ ފަރާތްތަކުން، ބައެއް ރަށްރަށުގެ އިމާރާތް ތަކުގައި އުޅުއްވަމުންދާތީ، އެކަމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީއިން ދެކެވަޑައިގަންނަވާގޮތް އަންގަވައި ދެއްވުމަށް     އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީ އާއި މެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ގެ ލަފާފުޅެއް ހޯއްދެވުމަށްފަހު ގޮތެއް ނިންމުމަށެވެ.ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކޮމިޓީ އެލަވަންސް އާއިގުޅޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން 11 އޮކްޓޯބަރ 2011 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީ އާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެކޮމިޝަނުން ސާފުކުރައްވަން ބޭނުންވި ކަންތައްތަކާއިމެދު މަޝްވަރާކުރެއްވުމަށް ނިންމެވީ ލިޔުމުން ސުވާލުތަކުގެ ޖަވާބު އެރުވުމަށެވެ. މީގެ އިތުރުން، އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓާއި ގުޅޭގޮތުން ފޮނުއްވާފައިވާ ސިޓީ އާއި މެދު މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދުއެވެ. މިކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދެވިއިރު ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އިންނެވީ ސަރުކާރުމަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މެންދުރު 12:40 ން 12:55 އަށެވެ. މި ބައްދަލުވުމުގައި ބޭހާ ބެހޭ ގަވާއިދަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ގެންނަން ފެންނަ އިޞްލާހުތަކާބެހޭ ގޮތުން މަޝްވަރާކުރައްވާ މެންބަރުންނަށް ރަނގަޅު ކަމަށް ބެލެވޭ އިސްލާޙުތަކާ ގުޅޭ ގޮތުން ގަވާއިދުގެ މާއްދާތައް ބަދަލުކުރައްވާ ކޮމިޓީ ނިންމަވާލެއްވިއެވެ. މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ.

ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ މެނދުރު 14:35ން 15:30 އަށެވެ. މިކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ދިރާސާކުރެވެމުންދާ މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ގޮތުން ކޮމިޓީއަށް ލިބިފައިވާ ބިލުތަކަށް އެކުލަވާލެވިފައިވާ ސަބް ކޮމިޓީގެ މަސައްކަތްތަކަށް އަންނަ ދައުރުގައި އިސްކަމެއްދޭނެ ކަމުގައި މުގައްރިރު ވިދާޅުވިއެވެ. އަދި މިކޮމިޓީގެ ބައްދަލުވުމުގައި އިޒްރޭލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައްފެށުމުގެ ހުއްދަދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ތުހުމަތު ކުރެވޭ މައްސަލައާއި، ޅ.އަތޮޅު ދިއްފުށި މާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީޕޯސްޓެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތަކެއްކުރައްވާ ކަމުގޢ ތުހުމަތު ތަކާއި އަދި ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ކަމަށް ތުހުމަތުކޮށް އެމައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެެއްވިއެވެ. އެގޮތުން، މި މިމައްސަލަ މިކޮމިޓީން ދިރާސާކޮށް ނިމެންދެން، އިޒްރޭލްގެ ގައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވަގުތީގޮތުން ހުއްޓާލުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅުމަށް، ކޮމިޓީގެ އެބައްދަލުވުމަށްވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު،މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު،ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު،ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއެވެ. ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤްއެވެ.

 

3 ޞަފަރު 1433

28 ޑިސެމްބަރ 2011