މަސްތުވާތަކެއްޗާބެހޭ ބިލު މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 31 ވަނަ ޖަލްސާގައި، މަސްތުވާތަކެއްޗާބެހޭ ބިލަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ޢިއްތިފާޤުންނެވެ.

މަސްތުވާތަކެއްޗާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 10 އިޞްލާޙެއް ހުށަހަޅައި 5 އިޞްލާޙެއް ފާސްކުރައްވާފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 އިޞްލާޙެއް ހުށަހަޅައި 1 އިޞްލާޙް ފާސްކުރައްވާފައިވެއެވެ. މީގެއިތުރުން 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 1 އިޞްލާޙެއް ހުށަހަޅައި، އެ އިޞްލާޙް ފާސްކުރައްވާފައިވެއެވެ.

މަސްތުވާތަކެއްޗާބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ 28 ޑިސެމްބަރ 2009 ގައި އޮތް މަޖިލީހުގެ 79 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް 22 މާޗް 2010 ގައި އޮތް މަޖިލީހުގެ 52 ވަނަ ޖަލްސާއިން ނިންމަވާފައިވެއެވެ.

3 ޞަފަރް 1433

28 ޑިސެމްބަރ 2011