ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްގެ ނަންފުޅު ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ކްލެމެންސީ ބޯޑުގައި، އެ ޤާނޫނުގެ 11 ވަނަ މައްދާގެ (މ) ގައިވާ ގޮތުގެމަތިން، 3 މާޗް 2010 ގައި ރައްޔިތުންގެ މަޖިލީހުން ކްލެމެންސީ ބޯޑުގައި ހިމެނުމަށް ފާސްކުރައްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު 19 ޖުލައި 2010 ގައި ކްލެމެންސީ ބޯޑުން އިސްތިޢުފާ ހުށަހަޅުއްވާ، އަދި ކްލެމެންސީ ބޯޑުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެބޯޑުގެ މެންބަރުކަމުން ވަކިވެވަޑަިއގެންފައިވާތީ، އެބޯޑުގެ މެންބަރަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްގެ ނަންފުޅު މިއަދު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 2 ނަންފުޅެއް ހުށަހެޅި ތާޢީދުލިބިފައިވެއެވެ. ނަމަވެސް ފުރަތަމަ ހުށަހެޅުނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާގެ ނަންފުޅު ވޯޓަށް އައްސަވައި ފާސްނުވުމުން ދެވަނައަށް ހުށަހެޅުނު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްގެ ނަންފުޅަށް ވޯޓަށް އައްސަވައި ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 23 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 5 މެންބަރަކު ވަކިފއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

 

2 ޞަފަރު 1433

27 ޑިސެމްބަރ 2011