ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާގައި، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި  ނިންމެވިގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ 72 މެންބަރުން ޢިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މިބިލުގެ ތިންވަނަަ ކިއުމުގެ ބަހުސްގެ މަރުހަލާގައި ވާހަކަދެއްކެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދެވުމަށް އެދި އިޖްތިމާޢީ ކޮމިޓީން ފޮނުއްވާފައިވާ ތެލަސިމިއާ ކޮންޓްރޯލްކުރުމުގެ ބިލަކީ، 28 ޑިސެމްބަރ 2010 ވީ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރައްވައި، ބިލު ތަސްދީޤުކުރެއްވުމަށްޓަކައި 3 ޖެނުއަރީ 2011 ގައި ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުއްވުމުން، އެބިލާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ބައެއް ކަންކަން ފާހަގަކުރައްވައި، އެ ކަންކަމަށް ރިޢާޔަތްކުރައްވައި، ބިލަށް އިޞްލާޙު ގެނައުމަށް ފެނިވަޑައިގަންނަވާކަމަށް ބަޔާންކުރައްވައި އެކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނައިވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން 17 ޖެނުއަރީ 2011 ގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާފައިވާ ބިލެކެވެ. އަދި އެ ބިލު އަނބުރާ ފޮނުއްވާފައިވަނީ ބިލުގެ 6 ވަނަ މާއްދާގެ (ހ) ގައި، “ތެލެސީމާ އެންޑް އަދަރ ހީމޮގްލޮބިނޯ ޕަތީސް ސެންޓަރު”ގެ ނަމުގައި ސެންޓަރެއް އެ މާއްދާގެ ދަށުން އުފެއްދީ ކަމަށް ބަޔާންކުރައްވާފައިވާކަމާއި، ބިލުގެ 6 ވަނަ މާއްދާގެ (ށ) ގައި، އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒު އުފެދުމާއެކު، މިހާރު ނޭޝަނަލް ތެލަސީމިއާ ސެންޓަރުގެ ނަމުގައި ހިންގަމުން އަންނަ މަރުކަޒުގެ އެންމެހައި އިޙްތިޞާޞްތަކާއި، ވަސީލަތްތަކާއި، ބާރުތައް އެ މަރުކަޒުގެ ދަށަށް ބަދަލުވެ ނޭޝަނަލް ތެލަސީމާ ސެންޓަރު އުވުނީކަމަށް ބަޔާންކޮށްފައިވީނަމަވެސް ނޭޝަނަލް ތެލަސީމިއާ ސެންޓަރަކީ މާލޭ ހެލްތު ސަރވިސް ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ބަދަލުކުރެއްވި އެ ކޯޕަރޭޝަންގެ ދަށުން ހިނގަމުންދާ ތަނަކަށްވާތީ، ބިލު ފާސްވިއިރު އެހެން ކުންފުންޏެއްގެ ދަށުގައި ހުރި ތަނެއް އަނބުރާ ނެގުމަކީ ޤާނޫނީގޮތުން ކުރެވިދާނެކަމެއް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ބަޔާންކުރައްވައެވެ.

އެހެންކަމުން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު އިޞްލާޙުކުރެއްވުމުގެ މަސައްކަތް އިޖްތިމާޢީ ކޮމިޓީން ނިންމެވުމުގައި ކޮމިޓީންވަނީ އެ ބިލުގެ 6 ވަނަ މާއްދާގެ (ނ) އުނިކުރައްވައިފައެވެ.

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ތިނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޤަސަމް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ބަލާއިރު، އެ އިޞްލާޙުތަކަކީ އެ ބިލު ތަސްދީޤު ނުކުރައްވައި، އެ ބިލު އަނބުރާ ފޮނުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވާ މައްސަލައާއި ގުޅުންހުރި އިޞްލާޙުތަކެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެ އިޞްލާޙުތަށް ބޮޑަށް އަމާޒުކުރެވިފައިވަނީ އެ ބިލުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯ ޕަތީސް ސެންޓަރުގެ ނަމުގައި އުފައްދާ މަރުކަޒު އުވާލައި، އެ ސެންޓަރުން ކުރުމަށް ހުށަހަޅާ މަސައްކަތްތައް ޞިއްޙަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތަކަށް ބަދަލުކޮށް، މިނިސްޓްރީގެ ބެލުމުގެ ދަށަށް އެ މަސައްކަތް ބަދަލުކުރުމެވެ. އެހެންނަމަވެސް، ތެލަސީމިއާއިން ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭއަކީ ތެލަސީމިއާ އިތުރުވަމުންދާ ނިސްބަތް ކޮންޓްރޯލް ކުރުމުގައި ތެލަސީމާ ކުދިންނަށް ފަރުވާ ދިނުމާއި، ތެލަސީމިއާ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޢާންމު ޒިންމާ ޤައުމީ ފެންވަރުގައި އުފުލައި، އެންމެ ކުރީ ސަފުގައި ޙަރަކާތްތެރި ވުމަށްޓަކައި ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯ ޕަތީސް ސެންޓަރުގެ ނަމުގައި ސެންޓަރެއް ޤާއިމުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ، ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލުފާސްކުރެއްވިއިރު، އެކަން ފާސްކުރައްވާފައިވާކަމުންނާއި، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެއް، އެ ބިލަށް ގެންނަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙުތަކާމެދު ވިސްނުމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކުރައްވަންވާނީ އެ މައްސަލައަކާމެދު އެކަނި ކަމަށް ފެންނާތީ ތިނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ޤަސަމް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވޭނެކަމަށް ނުފެންނަކަމަށް ކައުންސަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

 

2 ޞަފަރް 1433

27 ޑިސެމްބަރ 2011