2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓްގެ ބަހުސް ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 28 ވަނަ ޖަލްސާގައި، 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓްގެ ބަހުސް ނިންމަވާލައްވައިފިއެވެ. މިއަދުގެ ޖަލްސާގައި ބަހުސްގެ ވަގުތުގައި ޖުމްލަ 50 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ނިންމައި، އެމާއްދާގައިވާ ގޮތުގެ މަތިން ޢަމަލުކޮށް، 2012  ވަނަ އަހަރުގެ ބަޖެޓާއިމެދު މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި އެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ކ) ގެ ދަށުން ރިޕޯޓް ހުށަހަޅުއްވާފައިވެއެވެ. އަދި މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 5 އިޞްލާޙެއް 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 7 އިޞްލާޙެއް އަދި 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 19 އިޞްލާޙެއް ހުށަހެޅި ތާޢީދު ލިބިފައިވެއެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ، 2011 ނޮވެމްބަރ 28 ގައި އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ 26 ޑިސެމްބަރ 2011 ވާ ހޯމަދުވަހު މެންދުރު 1:00 ގައެވެ.