2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި، އެރިޕޯޓަށް ބަހުސްކުރުން ކުރިއަށްދަނީ

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 28 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ނިންމައި، އެމާއްދާގައިވާ ގޮތުގެމަތިން ޢަމަލުކޮށް، 2012  ވަނަ އަހަރުގެ ބަޖެޓާއިމެދު މަޖިލީހުން ގޮތެއް ނިންމެވުމަށްޓަކައި އެ ގަވާއިދުގެ 179 ވަނަ މާއްދާގެ (ކ) ގެ ދަށުން ރިޕޯޓް ހުށަހަޅުއްވައިފިއެވެ.

މި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ‘ބަޖެޓް ދިރާސާކުރާ ކޮމިޓީ’ގެ މުޤައްރިރު މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްއެވެ. އެއަށްފަހު، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 5 އިޞްލާޙެއް 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 7 އިޞްލާޙެއް އަދި 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 19 އިޞްލާޙެއް ހުށަހެޅި ތާޢީދުލިބިފައިވެއެވެ.

މިއަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާގުޅޭގޮތުން ކޮމިޓީގައި ބަޙުޘް ކުރެއްވުމަށްފަހު ކޮމިޓީން ނިންމަވާފައިވަނީ ކޮމިޓީގެ ހުށަހެޅުއްވުންތައް 2012  ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ބައެއްގެ ގޮތުގައި ހިމެނުމަށެވެ. އަދި އެ ހުށަހެޅުއްވުންތަކުގެ ސަބަބުން ދައުލަތުގެ ޚަރަދަށް އިތުރުވާ ބަޔާއި އެއްވަރަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފެންނަ ގޮތެއްގެ މަތިން، ބަޖެޓްގެ އެކި އައިޓަމްތަކުން އުނި ކުރެވެން ހުރި އައިޓަމްތައް އުނިކުރެއްވުމަށްފަހު، އެ ހުށަހެޅުއްވުންތައް ބަޖެޓްގެ ބައެއްގެ ގޮތުގައި ހިމަނުއްވާ، އެއާއި އެއްގޮތަށް ބަޖެޓް ތަންފީޒް ކުރެއްވުމަށެވެ.  މިގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ 2012 ވަަނަ އަަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާ، ޖުޑީޝަލް ސަރވިސް ކޮމިޝަން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ސިވިލް ސަރވިސް ކޮމިޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް، އެންޓިކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެމްޕްލޯއިންމަންޓް ޓްރައިބިއުނަލް، ޕްރޮސެކިއުޓަރ ޖެރަލްގެ އޮފީސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ނެޝެނަލް ޔުނިވަރސިޓީ އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުއައްސަސާތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ރިކޮމެންޑް ކުރައްވާފައިވާ ބަޖެޓަށް، ފައިސާއިތުރުކުރެއްވުމަށާއި އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ހުށަހަޅުއްވާފައިވާ ޢަދަދަކީ އެ ކޯޕަރޭޝަންގެ ޤާނޫނުގައިވާގޮތުގެ މަތިން އެ ކޯޕަރޭޝަނަށް ދިނުމަށް ކޮމިޓީއަށް ފެންނަ ޢަދަދެއްކަމަށް ނިންމަވާފައިވެއެވެ.

އަދި ‘ބަޖެޓް ދިރާސާކުރާ ކޮމިޓީ’ ން 1 ޖެނުއަރީ 2012 ން ފެށިގެން ޔުނިވަރސަލް އިންޝުއަރެންސް ގެ ނިޒާމް ތަންފީޒް ކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާތީ އަދި އެ ނިޒާމްގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ކަވަރޭޖް ލިބޭނެތީ، މިހާރު އެހެނިހެން ޤާނޫނުތަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނިންމެވުންތަކުން އެކި މުއައްސަސާތަކަށް ކަނޑައަޅުއްވާފައިވާ ހެލްތު އިންޝުއަރެންސް 1 ޖެނުއަރީ 2012 ން ފެށިގެން ހުއްޓާލުމަށައި  އެހެންނަމަވެސް، މިހާރު ހެދިފައިވާ ހެލްތު އިންޝުއަރެންސް އެގްރީމަންޓްތަކުގެ މުއްދަތު ހަމަވަންދެން އެއާއި އެއްގޮތަށް ޢަަމަލު ކުރައްވަމުން ގެންދެވިޔަސް،1 ޖެނުއަރީ 2012 ން ފެށިގެން ހެލްތު އިންޝުއަރެންސް އާއި ގުޅޭ އެއްވެސް އެގްރީމަންޓެއް އާ ނުކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.

މީގެއިތުރުން ކަރަންޓް ބިލަށް ސަބްސިޑީ ދިނުމުގައި ހަމަހަމަ އުޞޫލަކުން ސަބްސިޑީ ދިނުމަށްވެސް ކޮމިޓީން ނިންމަވާފައިވެއެވެ.  އަދި ސަރުކާރުގެ ފަރާތުން އިސްތިޢުނާފަށް ހުށަހަޅާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މައްސަލަ، ނިމޭ ގޮތަކުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެ ކޯޕަރޭޝަނާ ކުރީގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ މުދަލާއި ވަޞީލަތްތައްޙަވާލުކުރަންޖެހޭ ގޮތަށް ޝަރީޢަތުގެ މަރުޙަލާތަކުން ނިމިއްޖެ ޙާލަތެއްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ހިންގުމަށް ބޭނުންވާ ފައިސާ އެ ކޯޕަރޭޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން 2012 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައި، އިސްތިޢުނާފުގެ މަރުޙަލާ ނިމޭތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމަށާއި، ސަރުކާރުގެ ފަރާތުން ޝަރުޢީ މަރުޙަލާއަށް ހުށަހަޅާފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާގެ މައްސަލައިގައި އެ ފައިސާއަކީ ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިދޭންޖެހޭ ފައިސާކަމަށް ސުޕްރީމްކޯޓުން ކަނޑައަޅައިފި ހިނދެއްގައި އެ ފައިސާ ލިބިދިނުމަށްޓަކައި އެ ފައިސާ ހިމެނޭ ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ ކަނޑައަޅާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށްވެސް ނިންމަވާފައިވެއެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޢަދަދަކީ 14.69 ބިލިޔަން ރުފިޔާ އެވެ. 2012 ވަނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީ 2011 ވަނަ އަހަރާއި އަޅާބަލާއިރު %31 އިތުރު ވާނެކަމަށް ލަފާކޮށްފައިވާއިރު ބޭރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ ޢަދަދު %21 ށް މަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑުހޭދައެއްކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ހުށަހަޅުއްވާފައިވަނީ އިޖްތިމާޢީ ތަރައްޤީ އަށެވެ. އެއީ މުޅި ބަޖެޓްގެ %46އެވެ. ބަޖެޓް ގެ %31 ރައްޔިތުންނަށް ދެވޭ ޢާންމު ޚިދުމަތަށް ހޭދަ ކުރުމަށް ހުށަހަޅުއްވާފައިވާއިރު %19 ހޭދަކުރުމަށް ހުށަހަޅުއްވާފައިވަނީ ދަރަނީގެ ޚިދުމަތަށާއި ދަރަނި އަދާކުރުމަށެވެ.  އަދި ބަޖެޓްގެ %4 ހުށަހަޅުއްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއަށެވެ. 2012 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ 4.0 ބިލިޔަން ރުފިޔާއެވެ.  އެއީ، 2011 ވަނަ އަހަރާއި އަޅާބަލާއިރު %32 ގެ އިތުރުވުމެކެވެ. 2012 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގައި އިންވެސްޓްމެންޓް ޕްރޮގްރާމްތައް ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ.  އެއީ، “ކްލައިމެޓް ޗޭންޖް އެންޑް އެޑަޕްޓޭޝަން” ޕްރޮގްރާމާއި، “ސޯޝިއޯ-އިކޮނޮމިކް އިންވެސްޓްމަންޓް” ޕްރޮގްރާމެވެ.  2012 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގައި، 2012 ވަނަ އަހަރު ނިމޭއިރު ހުންނާނެ ޖުމްލަ ދަރަނީގެ ގޮތުގައި އަންދާޒާ ކުރައްވާފައިވަނީ 27.17 ބިލިޔަން ރުފިޔާ އެވެ.  އެއީ، ޖީ.ޑީ.ޕީ ގެ ނިސްބަތުން ބަލާއިރު %86 އެވެ. 2012 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ 3.087 ބިލިޔަން ރުފިޔާއެވެ.  އެއީ، ޖީ.ޑީ.ޕީގެ ނިސްބަތުން ބަލާއިރު %9.7 އެވެ.   ބަޖެޓް ޑެފިސިޓް ޖީ.ޑީ.ޕީ ގެ ނިސްބަތުން ބަލާއިރު އަހަރުން އަހަރަށް ދަށްވާނެ ކަމަށް ލަފާކުރެވިފައި ވީކަމުގައިވިޔަސް (ޗާޓް 6)، 2012 ވަނަ އަހަރުގެ ބަޖެޓްގެ ޑެފިސިޓް 2011 ވަަނަ އަހަރާއި އަޅާބަލާއިރު 22.6 މިލިޔަން ރުފިޔާ އިތުރުވާނެކަމަށް ލަފާކުރައްވާފައިވެއެވެ.  އެއީ، %0.7 ގެ އިތުރުވުމެކެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ 26 ޑިސެމްބަރ 2011 ވާ ހޯމަދުވަހުއެވެ.

30 މުހައްރަމް 1433

25 ޑިސެމްބަރ 2011