މިއަދުގެ ޖީލަކީ ގައުމީ ނިސްބަތުން ބަލާއިރު ވަރަށް މުހިއްމު ވާޖިބެއް ކޮނޑުގައި އެޅިފައިވާ ޖީލެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

މިއަދުގެ ޖީލަކީ ގައުމީ ނިސްބަތުން ބަލާއިރު ވަރަށް މުހިއްމު ވާޖިބެއް ކޮނޑުގައި އެޅިފައިވާ ޖީލެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ޤާނޫނުއަސާސީގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިތާބެއްގައެވެ.

އެމަނިކުފާނުގެ ޚިތާބުގައި ދުނިޔެ ބަދަލުވަމުންދާ ދިއުމުގައި އަޅުގަނޑުމެންގެ ގައުމުގެ ދައުރު ކަނޑައެޅުމުގެ ވަރުގަދަ ޒިންމާ މިވަނީ މިއަަދުގެ ޖީލާއި ޙަވާލުވެފައިކަމުގައި ވިދާޅުވެފައިވެއެވެ. އަދި 2008 ވަނަ އަހަރުގެ އޯގަސްޓްމަހު ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހި ރައްޔިތުން ލިބިގަތް އާ ޙައްގުތަކާއި އާ ނިޒާމުތަކާއި މަފްހޫމްތައް ރަނގަޅަށް ދެނެގަނެ އެކަންކަން ބައްޓަންކުރުމުގެ މަސްއޫލިއްޔަތުވެސް އެޅިފައިވަނީ މިޖީލުގެ ކޮނޑުގައި ކަމުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޚިތާބުގައި މިދެންނެވި މުހިއްމު ގައުމީ މަސްއޫލިއްޔަތު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބެވޭނީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކަށް ރައްކާތެރިވެ ތިބެގެންކަމުގައި ވިދާޅުވެފައިވެެއެވެ. އިސްލާމް ދީނާއި، ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަ ވަންތަކަން ދެމެހެއްޓިގެން ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ޑިމޮކްރެސީގެ ރޫހު އަށަގެންނެވިގެން ކަމަށާއި ތިމާގެ ޙައްގުތަކަށް ތިމާ އެދޭ ފަދައިން އަނެކުންގެ ޙައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކޮށްގެންކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޚިތާބުގައި، ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ރާއްޖޭގައި އެންމެ ފުރަތަމަ ތަޞްދީޤުކުރެވި ޢަމަލު ކުރަންފެށި ފަހުން 79 އަހަރު ވޭތުވެގެންދާކަމަށް އިޝާރާތްކުރައްވައި މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންވަނީ ގިނަގުނަ ތަޖްރިބާތަކެއް ކޮށްފައިކަމަށާއި ބައެއް ތަޖުރިބާތައް ނުހަނު އުފާވެރި ކަމަށާއި އަނެއްބައި ކަންކަމަކީ ހިތި ތަޖުރިބާ ތަކެއްކަމުގައި ވިދާޅުވެފައިވެއެެވެ. އަދި މިއިން ކޮންމެ ޙާލަތެއްގައިވެސް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިބިދީފައިވާކަމީ ހަޤީޤަތްކަމުގައި ވިދާޅުވެފައިއެވެ.

މިއަހަރުގެ ޤާނޫނުއަސާސީގެ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަންފުޅުގައާއި މަޖިލީހުގެ ރައީސްގެ ނަންފުޅުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

27 މުޙައްރަމް 1433

22 ޑިސެމްބަރ 2011