މިއަދަކީ ޤާނޫނުއަސާސީގެ ދުވަސް

މިއަދަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ ޤާނޫނުއަސާސީގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ޤާނޫނުއަސާސީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. ރަސްމީ ގޮތުން މިދުވަސް ޤާނޫނުއަސާސީގެ ދުވަހުގެގޮތުގައި ފާހަގަ ކުރަން ފަށާފައިވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ.

މިއަހަރުގެ ޤާނޫނުއަސާސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންތިޒާމް ކުރެވިފައިވާ މުހިންމު ކަންތައްތަކުތެރޭގައި ފާހަގަކޮށްލެވޭ އެއްކަމަކީ އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އާ ގުޅިގެން ބާއްވާ ޒުވާނުންގެ މާދިރީއެވެ. ޒުވާނުންގެ މާދިރީއަކީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ރައްޔިތުންގެ މަޖިލިހުން އިންތިޒާމްކޮށްގެން މަދަރުސާތަކުގެ ކުދިންނާއި ޒުވާނުން ބައިވެރިކޮށްގެން ބާއްވަމުންދިޔަ ވަރަށް މުހިންމު ޙަރަކާތެކެވެ. ޒުވާނުންގެ ހިތްތަކުގައި ޤައުމީ މައްސަލަތަކަށް އިސްކަންދިނުމުގެ ރޫޙު އާލާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މަސައްކަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފެތުރުމަކީ މިޙަރަކާތްތަކުގެ އެއް އަމާޒެވެ.

ޤާނޫނުއަސާސީގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ޤާނޫނުއަސާސީއަށް ހޭލުންތެރިކުރުވުމެވެ. ޤާނޫނުއަސާސީން ލިބިފައިވާ ޙައްޤުތައް އަންގައިދީ އޮޅުންފިލުވައި ދިނުމެވެ. ޤާނޫނަށް އިޙްތިރާމްކޮށް ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތުގައި އެހީތެރިވުމެވެ.

27 މުޙައްރަމް 1433

22 ޑިސެމްބަރ 2011