2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީއެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ ހެނދުނު 10:00 ން 11:45 އަށެވެ. 10:00 ގައި ބޭއްވުނު މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި 23 ޑިސެމްބަރ 2011 ގައި ބާއްވަން ތައްޔާރު ވަމުން އަންނަ މުޒާހަރާ ތަކާ ގުޅޭގޮތުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުޙައްމަދު، އަދާލަތު ޕާޓީގެ ރައީސް އައްޝައިޙު އިމްރާން ޢަބްދުﷲ އަދި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މިމައްސަލައާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެވަގުތު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވީ،ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒުއެވެ.

އަދި 11:00 ގައި ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙް މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެވަގުތު ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބަވާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު،މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲއެވެ.

މީގެއިތުރުން، އިސްރާޢީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ހުއްދަދެއްވާ ފައިވާތީ، އެކަން ބައްލަވާދެއްވުމަށާއި، ފިޔަވަޅު އަޅުއްވާދެއްވުމަށް އެދިވަޑައިގެން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައާއި ގުޅޫ ގޮތުން 12:00 ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ބައްދަލުކުރައްވަން ހަމަޖެހިފައިވީނަމަަވެސް ކޯރަމް ގެއްލުމުގެ ސަބަބުން މިބައްދަލުވުން އެހެންދުވަހަކަށް ފަސްކުރެއްވުމަށް ނިންމެވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންފުޅު ދިރާސާ ކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:12 ން 12:30 އަށެވެ. މިބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްކަމަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތް ކަމުގައިވާ އަޙްމަދު ޠަލާލާއި އިންޓަރވިއު ކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަޠީފް، މަޑަވެލި ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މައުސޫމް،މާވަށު ދާއިރާގެ މެންބަރު ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރުއެވެ. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ކޮމިޓީއަށް ވަޑައިގެންފައެއް ނުވެއެވެ.

 

27 މުހައްރަމް 1433

22 ޑިސެމްބަރ 2011